މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން -- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރެވުނު "މެމޮރެންޑެމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އޮން ކޯޕަރޭޝަން އިން ސްޕޯޓް އެންޑް ޔޫތު އެފެއާޒް"ގެ ދަށުން ބޭއްވި މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެކްސްޗޭންޖު ޕްރޮގްރާމު ނިންމުމަށް މިރޭ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު -- ފޮޓޯ: ޔޫތު މިނިސްޓްރީ

ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރިފާއު ދެއްކެވި ވާހަކައިގައި އިންޑިއާ އަދި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަކި ނުކުރެވޭ ވަރުގެ ބަދަހި ގުޅުމެއް ކަމަށް ވިދާޅުވި އެވެ. އަދި ޕްރޮގްރާމުގެ ދަށުން ދެ ގައުމުގެ ޒުވާނުންނަށް ވެސް ތަފާތު މައުލޫމާތު ތަކެއް ލިބުނު ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ފެށި ޕްރޮގްރާމުގައި ބައިވެރިވުމަށް އިންޑިއާގެ 50 ޒުވާނުން ވަނީ ރާއްޖެ އައިސްފަ އެވެ.

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ޔޫތު މިނިސްޓްރީ

އެ ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިންޑިއާގެ ޒުވާނުންނަށް ރާއްޖޭގެ ޒުވާނުންގެ ހާލަތު ކައިރިން ބަލައިލުމުގެ ފުރުސަތު ހުޅުވާލުން ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ވަނީ ބުނެފަ އެވެ.

ޕްރޮގްރާމުގައި ބައިވެރިވި އިންޑިއާ ޒުވާނުން ވަނީ، އެ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އާދަކާދައާއި ހެދުން އެޅުމާއި ސިޔާސީ މަސްރަހު ވަރަށް ގާތުން ފެނި ދަސްވިކަމަށް ބުނެފަ އެވެ.

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ނިމިގެންދާއިރު އިންޑިއާގެ ޒުވާނުންގެ ހާލަތު ރަނގަޅަށް އެނގި، ދެ ގައުމުގެ ޒުވާނުން ގުޅިގެން ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރެވި ނަތީޖާއެއްގެ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެންދާނެ އެވެ.

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އަންނަ މަހުގެ 10 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 50 ޒުވާނުން އިންޑިއާއަށް ފޮނުވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

comment ކޮމެންޓް