އެމްޑީއެޗްއާއި އެވަރެސްޓް ބްރޭންޑުގެ ހަވާދުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް

އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާ ހަވާދުގެ ބާވްތަތަކުގައި ކެންސަރަށް މަގުފަހިވާ މާއްދާ ހުރި ކަމަށް ހޮންކޮންްގް އިން ބުނެފި. ފޮޓޯ/ރޮއިޓާސް

ކެންސަރު ޖެހޭ ޕެސްޓިސައިޑްގެ މިންވަރު އިތުރުވެފައިވާތީ އިންޑިއާގެ ހަވާދުގެ ބާވަތްތައް އުފައްދާ ދެ ކުންފުނި ކަމަށްވާ އެމްޑީއެޗްޑީއާއި އެވަރެސްޓް ބްރޭންޑުގެ ހަވާދުގެ އުފެއްދުންތައް ވިއްކުން ހޮންކޮންގުން ހުއްޓައިލައިފިއެވެ.

އެކަމާގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކެންސަރަށް ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ އެތްލީން އޮކްސައިޑް އެކުލެވިގެންވާ ކަމަށް ބުނެ އެމްޑީއެޗްއިން އުފައްދާ ތިން ބާވަތެއްގެ ހަވާދާއި އެވަރެސްޓުން އުފައްދާ މަސް ރިހަ ކައްކާ ހަވާދުގެ ބަވާތެއް ވިއްކުން ހޮންކޮންގުން ވަނީ މި މަހު ހުއްޓާލާފައެވެ. އެތްލީން އޮކްސައިޑަކީ އިންސާނުން ބޭނުންކުރުން ރަނގަޅު ނޫން އަދި ގިނަ ދުވަހު ބޭނުންކޮށްފިނަމަ، ކެންސަރަށް މަގުފަހިވާ މާއްދާއެކެވެ.

އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެ ބްރޭންޑުތަކުގެ އުފެއްދުންތައް ޔޫރަޕާއި އޭޝިއާ އަދި އުތުރު އެމެރިކާގައި ވެސް ވިއްކައެވެ. އިންޑިއާގެ އިންޑަސްޓްރީ ރެގިއުލޭޓަރު، ސްޕައިސް ބޯޑުން ބުނާ ގޮތުގައި 2022-23 ވަނަ އަހަރު ޖުމްލަ 4 ބިލިއަން ޑޮލަރުގެ އުފެއްދުން އެ ދެ ކުންފުނިން އެކްސްޕޯޓް ކުރިއެވެ.

ބޯޑުން ބުދަ ދުވަހު ބުނީ ހޮންކޮންގާއި ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުން އެމްޑީއެޗް އާއި އެވަރެސްޓް އެކްސްޕޯޓްގެ މައުލޫމާތު ހޯދައި، އުފެއްދުންތައް އުފައްދާ ކާރުހާނާތަކުގައި އިންސްޕެކްޝަންތައް ފެށުމާއެކު އެ މައްސަލައިގެ އަސްލު ސަބަބު ހޯދުމަށް އެ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްޕައިސްގެ ބަޔާނާ ގުޅިގެން އެމްޑީއެޗްއިން އަދި އެވަރެސްޓުންވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއްނުވެއެވެ.

ނަމަވެސް އަންގާރަ ދުވަހު އެވަރެސްޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އުފެއްދުންތަކަކީ ބޭނުން ކުރުމަށް ރައްކާތެރި އެއްޗެހި ކަމަށާއި އުފެއްދުންތައް އެކްސްޕޯޓް ކުރީ އިންޑިއާގެ ސްޕައިސް ބޯޑުގެ ލެބޯޓްރީތަކުން ބޭނުންވާ ކްލިއަރެންސްތަކާއި ހުއްދަ ލިބުމުން ކަމަށެވެ.

comment ކޮމެންޓް