ޑެންގީ ޖެހިގެން ފަރުވާދޭ ކުދިންގެ އަދަދު މަދު ވެއްޖެ

މީހަކު ކުޑަކުއްޖަކު ގޮވައިގެން ހޮސްޕިޓަލުން ނުކުންނަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއްކަމަށްވާ ޑެންގީ ހުން ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދާ ކުދިންގެ އަދަދު މަދު ވެއްޖެއެވެ.

މި ބަލީގެ ސަބަބުން ހަ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ މިހާރު ހޮސްޕިޓަލުގައި ޑެންގީ ޖެހިގެން، އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ކުދިންގެ އަދަދު މަދުވެފައި ވާކަމަށެވެ.

https://sun.mv/191595

"މިހާރު ފަރުވާ ހޯދަނީ ދެތިން ކުދިން،" އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހަލުވި ކަމާއެކު ފެތުރޭއިރު، ހޮސްޕިޓަލުގައި ފަރުވާދޭ ކުދިންގެ އަދަދު މަދުވީކަމުގައި ވީނަމަވެސް، އެ އަދަދު އަނެއްކާ ވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ބައެއް ދުވަސްދުވަހު މަދު ވާނެ. މިހާރު މަދު ފަރުވާ ހޯދާ ކުދިން. އަނެއްކާ އެހެން ހުރެފަ ކުއްލިއަކަށް ގިނަ ވާނެ. އެކަހަލަ ގޮތަކަށް އަބަދު ވެސް ދަނީ،" ފައިސަލް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފައިސަލް ވިދާޅުވީ، އައިޖީއެމްއެޗްގައި ހަ ކުދިންނަށް ފަރުވާ ދިން އިރު، ބައެއް ކުދިންނަށް ލޭ ވެސް އަޅަން ޖެހުނު ކަމަށެވެ. އެހެންކަމުން މަދިރިން ރައްކާތެރިވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ވިއްސާރަ މޫސުމެއް ކަމުން މަދިރި ގިނަވެ މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ވެސް މިދުވަސްވަރު ވަނީ އާންމު ވެފައެވެ. އެގޮތުން ޑެންގީގެ އިތުރުން ޗިކުންގުންޔާ ފެތުރޭ މިންވަރު ވެސް ރާއްޖޭގައި މިހާރު ވަނީ އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ހަފުތާއެއް ތެރޭ ޗިކުންގުންޔާގެ 117 ކޭސް އަދި ޑެންގީގެ 40 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.

https://sun.mv/191647

އެއީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދެވެ.

މި ހިނގާ މޭމަހުގެ ފުރަތަމަ ހަތަރު ދުވަހަށް ބަލާއިރު، މޭމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ. އަދި ޑެންގީގެ 40 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.

ޑެންގީ ނުވަތަ ޗިކުންގުންޔާ ޖެހިއްޖެ ނަމަ ނުވަތަ ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. ފައިދާ ހުރި ދިޔާ ތަކެތީގެ ތެރޭގައި ހިމެނެނީ، ކުރުނބާ ފެން، ލޮނު ޕެކެޓް އަދި ސޫޕް ފަދަ ތަކެއްޗެވެ.

މީގެ އިތުރުން ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް