ޔަޒީދުގެ ބަދަލުގައި ޓެކްސް ކޮމިޝަނަރުކަމަށް ކޮމިޓީން ރުހުން ދިނީ ޒަރީރަށް

ހަސަން ޒަރީރު: އޭނާ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކުރަން ކޮމިޓީން ވަނީ ރުހުން ދީފައި --

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ކުރީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުއްވީ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.

އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހަސަން ޒަރީރެވެ.

މިއަދުގެ ކޮމިޓީގައި ޔަޒީދަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި، ޒަރީރަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

https://sun.mv/189773

ޒަރީރަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މާޗު މަހުގެ 25ވަނަ ދުވަހުއެވެ.

ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް ފޮނުވި ޔަޒީދާއި ޒަރީރުގެ މަގަމު ގެއްލުނީ، މީރާގެ ކޮމިޝަނަރު އަދި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ކަނޑައަޅަން، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުންނެވެ.

comment ކޮމެންޓް