ތަފާތު ޑިވައިސްތަކަށް ސްއިޗް ކޮށްލެވޭ ފީޗާއެއް ގޫގުލް މީޓަށް އިތުރުކޮށްފި

ގޫގުލް މީޓްގެ އައު ފީޗާ --- ފޮޓޯ: ޓެކޯޕީޑިއާ

އެއްޑިވައިސް އިން އަނެއް ޑިވައިސް އަށް ފަސޭހަކަމާއެކު ސްވިޗްކޮށްލެވޭ އާ ފީޗާއެއް ގޫގުލް އިން އެ ކުންފުނީގެ ވީޑިއޯ ކޮންފަރެންސް ޕްލެޓްފޯމް "ގޫގުލް މީޓް" އަށް އިތުރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތައާރަފްކުރަން ފެށި އާ ފީޗާ "ސްވިޗް ހިއާ"ގެ މަގްސަދަކީ މީޓްގެ ކޮންފަރެންސެއްގައި އިދެފައި އެހެން ޑިވައިސްއަކަށް ކޯލް ނުވަތަ ކޮންފަރެންސް މެދުކަނޑައިނުލައި ސްވިޗް ކޮށްލުމެވެ.

"މިއަދުން ފެށިގެން ގޫގުލް މީޓް ކޯލެއްގައި ތިބެގެން ހޭންގްއަޕް ނުކޮށް އަދި ރީޖޮއިން ވެސް ނުކޮށް، ޑިވައިސްތަކުގެ މެދުގައި ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭނެ" ވޯކްސްޕޭސް ބްލޮގް ޕޯސްޓެއްގައި ގޫގުލް އިން ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ.

މި ފީޗާއަކީ މުޅިން އަލަށް މީޓްއަށް އިތުރުކުރާ ފީޗާއަކަށްވާއިރު، ސްމާޓްފޯނުން ގޫގުލް މީޓް ކޮންފަރެންސެއްގައި އިނދެފައި ލެޕްޓޮޕަށް ނުވަތަ ޑެސްކްޓޮޕަށް ބަދަލުވާން ބޭނުންވާ ނަމަ، ޖެހޭނީ އެ ބަދަލުވާން ބޭނުންވާ ޑިވައިސްއެއްގައި ހުންނަ މީޓިން ލިންކް ހުޅުވާލާށެވެ.

އޭރުން ކުރިން ފެންނަ "ޖޮއިން ނައު" ބަޓަންގެ ބަދަލުގައި މިހާރު ފެންނާނީ "ސްވިޗް ހިއާ" އޮޕްޝަނެކެވެ.

އެ ބަޓަނަށް ކްލިކް ކުރުމުން މޮބައިލް އިން އަލަށް ޖޮއިންކުރާ ޑިވައިސް އަށް މެދުކެނޑުމެއް ނެތި ކޯލް ޓްރާންސްފާ ކުރެވޭނެއެވެ.

މި މުހިންމު ފީޗާ މިހާރު ގޫގުލް އިން ވަނީ ހުރިހާ ވޯކްސްޕޭސް ކަސްޓަމަރުންގެ އެކައުންޓްތަކުގެ އިތުރުން ޕާސަނަލް ގޫގުލް އެކައުންޓް ހޯލްޑަރުންނަށް ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

މީގެ ކުރިން ޔޫޒަރުން އެހެން ޑިވައިސްއަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ ޖެހޭނީ ކުރިން ބޭނުންކުރި ޑިވައިސްއިން މީޓިން މެދުކަނޑާލުމަށްފަހު ނުވަތަ ހޭންގްއަޕްކޮށް، އާ ޑިވައިސްއިން އަލުން ބައްދަލުވުމަށް ވަންނާށެވެ. މިހެން ހަދަން ޖެހުމުން ކޮންފަރެންސް މެދުކެނޑުމާއި، ބައްދަލުވުމުގެ ބައެއް ގެއްލުން ފަދަ އުނދަގޫތައް ކޮންމެ ވެސް ވަރަކަށް ދިމާވެއެވެ.

ޒޫމް، މައިކްރޮސޮފްޓް ޓީމްސް އަދި ސިސްކޯ ވެބެކްސް ފަދަ ވާދަވެރިންނާ ވާދަކުރާއިރު، ގޫގުލް އިން އަންނަނީ ވީޑިއޯ ކޮންފަރެންސްގެ ތަޖުރިބާ ރަނގަޅު ކުރުމަށް މީޓް އަޕްޑޭޓް ކުރަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު މީޓުން ވަނީ ހޯސްޓުންނަށް ތިން ބައިވެރިން ސްކްރީނުގައި ޕިން ކުރުމުގެ ގާބިލްކަން ވެސް އިތުރުކޮށްފައެވެ.

ވެބް އަދި މޮބައިލް އެޕްލިކޭޝަންތަކުގައި ގޫގުލް މީޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް "ސްވިޗް ހިއާ" ފީޗާ ރޯލްއައުޓް މި ހަފުތާގައި ފަށަން ގޫގުލްއިން ވަނީ ނިންމައިފައެވެ. އެހެންކަމުން މިހާރުން މިހާރަށް ބައެއް ޔޫޒަރުންނަށް އެ ފީޗާ އަދި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް