ތަފާތު ވިސްނުމެއްގެ މީހުން ހޮވައިގެން ލިބޭނީ ދެރަ، ސަރުކާރު މެންބަރުން ނަތީޖާ ނެރޭނެ: ރައީސް

ޕީޕީއެމް، ޕީއެންސީން ބޭއްވި ކެމްޕެއިން ހިނގާލުމުގެ ތެރެއިން: މިއީ މަޖިލިސް އިންތިޚާބުގެ ކުރިން، އެންމެ ފަހުން ބާއްވާ ކެމްޕެއިން ހަރަކާތް -- ސަން ފޮޓޯ/ މޫސާ ނަދީމް

ތަފާތު ފިކުރެއްގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ލިބޭނީ ދެރަ ކަމަށާއި ސަރުކާރު މެންބަރުން ނަތީޖާ ނެރޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ ޕީއެންސީން މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިންމާލުމަށްޓަކައި ބޭއްވި ހިނގާލުމަށް ފަހު ދެއްކި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ގައުމުގެ މިނިވަންކަން ގެއްލި، އިގުތިސާދު ފުނޑި، ރާއްޖެ ދިޔައީ ނުބައި މިސްރާބަކަށް ކަމަށެވެ.

އެ މިސްރާބު ރައްޔިތުން ބަދަލުކުރީ ރިޔާސީ އިންތިޚާބުގައި ނުކުމެއް ކަމަށާއި ރައްޔިތުން ޚިޔާރު ކުރީ "ދިވެހީންގެ ރާއްޖެ" ދިވެހިންގެ އަތްމައްޗަށް ހޯދަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް މި މަސައްކަތް ކާމިޔާބު ކުރުމުގައި މިއޮތީ އަދި އެއް މަރުހަލާ ކަޑަތު ކުރަން ޖެހިފައި. ސަބަބަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބައްޓަންކޮށްފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި ވަރަށް މުހިންމު، އެތަނަކާ ނުލައި ކަންކަން ނުނިންމޭ ތަނެއް،" ރައީސް ވިދާޅުވިއެވެ.

އެހެންވެ، މާދަމާ އޮންނަ މަޖިލިސް އިންތިޚާބުގައި ވޯޓު ދޭންވީ އަމިއްލަ މީހާއާއި ދަރިންގެ އިތުރުން ދަރިންގެ ދަރިންނަށް ޓަކައި، ވަރަށް ޒިންމާދާރުކަމާއެކު ވިސްނުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަށް ޓަކައި، ވެރިކަން ކުރާ ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީން ބޭއްވި ކެމްޕެއިން ހިނގާލުމުގެ ތެރެއިން: މިއީ މަޖިލިސް އިންތިޚާބުގެ ކުރިން، އެންމެ ފަހުން ބާއްވާ ކެމްޕެއިން ހަރަކާތް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުމާ ޚިލާފު މެންބަރުން މަޖިލީހަށް ހޮވުމުން ހާސިލުވާނެ ކަމެއް ނޯންނާނެ ކަމަށާއި ސަރުކާރު މެންބަރުންނަކީ އިޚުލާސްތެރިކޮށް މަސައްކަތްކޮށް، އެއްބާރުލުން ދޭނެ މެންބަރުން ކަމަށެވެ.

"މިއުޅެނީ ވަލަށް ދަމާކަށް ނޫން، އެއް ފަރާތުގައި މަޖިލީހުގައި ތިބި މީހުން އެހެން ކޮޅަކަށް ސަރުކާރުން އަނެއް ކޮޅަށް، ދެކޮޅަށް ދަމާ ވާ ވާންވެގެން ގޮސް ބުރިވާނީ، ރައްޔިތުންގެ އެ ވާ،" ރައީސް މިސާލުޖެއްސެވިއެވެ.

"އެކަން ކުރާކަށް ނޫނެއްނޫންތޯ އަޅުގަނޑުމެން މިއުޅެނީކީއެއް. ސަރުކާރު ހޮވީކީއެއް. އަޅުގަނޑު ރައްޔިތުންނަށްވީ ވައުދުތައް އަކުރުން ފިއްޔަށް، ރަނުން ރަނަށް ފުއްދަންވެގެން އަޅުގަނޑު ވައުދުވީ."

މާދަމާ ބާއްވާ މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރޭގައި ޕީއެންސީގެ 89 ކެންޑިޑޭޓުން ހިމެނެއެވެ.

މީގެ ކުރިން ރައީސް ވަނީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް މަދުވެގެން 62 ގޮނޑިއާއެކު ސުޕަމެޖޯރިޓީ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް