ފީފާއިން ދިން ފައިސާ ބައްސާމް ބޭނުންކުރީ އަމިއްލަ ބޭނުމަށް: ޕީޖީ

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދިން 12 މިލިއަން ޑޮލަރުގެ ގިނަ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ގިނަ ފައިސާ ބޭނުންކޮށްފައިވަނީ، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭނާގެ އަމިއްލަ ބޭނުމަށް ކަމަށް ޕީޖީން ބުނެފިއެވެ.

އެފްއޭއެމްއަށް ފީފާއިން ދޭ ފައިސާ އެފްއޭއެމްގެ ރައީސާއި އެފްއޭއެމްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާ ކަމަށް ޕީޖީ އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް މައްސަލަ ތަޙުޤީޤުކުރުމުގެ އަމުރެއް ޕްރޮސިކިއުޓާ ޖެނެރަލް އިން ނެރުނެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު"ގައި މިދިޔަ މަހުގައި ނެރުނު ލިޔުމެއްގައި ބުނެފައިވަނީ ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "ސޭލްސް އޮފް ޑޮލާސް" ކަމުގައި ލިޔެފައިވީ ނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށެވެ.

އަދި މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށް ކަމަށެވެ.

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މީގެ ކުރިން ޕީޖީން ވަނީ ބުނެފައެވެ.

ޕީޖީއިން ބުނީ މި މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުޙަލާގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ބުންޏެވެ.

comment ކޮމެންޓް