ފެށުންވެސް ގޯސް، ރައްޔިތުން ވިސްނަންޖެހޭ!

ރައްޔިތުންގެ މަޖިލިހުގެ އިދާރާ -- ފޮޓޯ / މޯލްޑިވްސްރިޒޯޓްއިމޭޖް.ވެބް

ވިހިވަނަ ރައްޔިތުންގެ މަޖިލިހަށް މެންބަރުން ހޮވާ އިންތިޚާބު ބާއްވަން ކުޑަތަންވީއެވެ. ގޮނޑިތައް ކާމިޔާބުކުރުމަށްޓަކައި ކެންޕޭނު ކުރުމުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރުދުން އަވަދިނެތި އެބަ އުޅެއެވެ. މާކުރިއްސުރެ ފެށިގެން މިފަދަ ކެންޕޭނުތަކުގައި އެންމެންވެސް ދައްކާ އެއްވާހަކައެއް އޮވެއެވެ. ގޮނޑި ހޯދަން އުޅެނީ އަމިއްލަ އެދުމެއްނެތިއެވެ. ދީނާއި ޤައުމަށްޓަކައެވެ. ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައެވެ. އެއީ ތެދެއްނަމަ ހުރި އުފާވެރިކަމުގެ ކޮޅެއްނެތެވެ. އަދި އެއީ އޮޅުވައިލުމަށް ދައްކާ ދޮގު ވާހަކަތަކެއްނަމަ ހުރި ހިތާމައިގެ ކޮޅެއްނެތެވެ. ވީމާ، ފެނިފައިވާ އަދި ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލައި، ވޯޓުގެ ކުރިން ކޮންމެ މީހަކުވެސް އަމިއްލައަށް ގޮތެއް ކަނޑައަޅައިލުން ވަރަށް މުހިއްމެވެ.

ބައެއް ކެންޕޭނު ޕޯސްޓަރުތަކުގައިވާ ލިޔުންތަކާއި ކެންޑިޑޭޓުން ދައްކާ ވާހަކަތަކަށް ނަޒަރު ހިންގައިލުމުން، އެއީ ޤާނޫނު ހަދާ މަޖިލިހަށް ވާދަކުރާ ފަރާތަކުން ދައްކަން އެކަށީގެންވާފަދަ ވާހަކަބާއޭ ހިތަށް އަރާނެއެވެ. ރާއްޖޭގެ ޤާނޫނުތަކާއި ތަނުގެ ނިޒާމުތައް ހަމަޖެހިފައިވާގޮތް އެއްކިބާގައި ބާއްވާފައި، ޢާއްމު ވިސްނުމުން އެކަނި ވިސްނައިލިޔަސް، ސަލާމަތް ބުއްދިއާ އަރައިރުންވާފަދަ ވާހަކަތަކާއި ޝިޢާރުތައް އެހުރީ ފެންނާށެވެ.

މިހާރު އޮންނަގޮތުން ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަކީ ތަޢުލީމީގޮތުން ވަކި ފެންވަރެއް ހުރުން ޝަރުތުކޮށްފައިވާ ބައެއްނޫނެވެ. އަހުރެމެންނަށް ފެނި ނިމިގެންދާ މަޖިލިސްތައް ޚަރާބުވެ އެތަނުގައި ޖަންގަލީގެ އުސޫލުތައް ހިނގުމުގެ މައިގަނޑު އެއްސަބަބަކީވެސް މި ބޮޑު އުނިކަމެވެ. ތަޢުލީމީ ސަނަދަކީ މީހާ ކުށެއް ނުކުރާނެކަމުގެ ސަނަދެކޭ ނުބުނަމެވެ. ނަމަވެސް ޢިލްމާއި އަޚުލާޤަކީ މީހާ ކުށްތަކާ ދުރުކޮށް ވަކި އިމެއްގައި ހިފަހައްޓައިދޭ އެންމެ މުހިއްމު އެއްވަސީލަތެވެ.

ކުރިން ބުނިހެން، ޤާނޫނު ހަދާ މަޖިލިހަށް ވާދަކުރާ މީހަކު ދައްކަން އެކަށީގެންނުވާފަދަ ވާހަކަތައް ދައްކައި އެފަދަ ލިޔުންތައް ޢާއްމުކުރުމުން ދޭހަކޮށްދެނީ އެ ކެންޑިޑޭޓުންގެ ޢިލްމީ ހޭލުންތެރިކަން ކުޑަކަމެވެ. ހަވާލުވާން އުޅޭ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުފޫހަމަނުވާކަމެވެ. ކެންޕޭނު ޖަލްސާތަކުގައި ކަރުން ހަތްނާރު ނަގާފައި މީހުންނަށް މަލާމާތާއި ފުރައްސާރަކޮށް ފިތުނަ ފަސާދަ އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމުން އެނގެނީ އެ ކެންޑިޑޭޓުންގެ އަޚުލާޤީ ފެންވަރު ދަށްކަމެވެ.

މިއިން ޒަމާނަކުވެސް ފެނިފައިނުވާވަރުގެ ފޯރިގަދަ ކެންޕޭނު އެންމެ ބޮޑަށް ފެންނަނީ މަގުތަކާއި އިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ ޕޯސްޓަރާއި ބެނާފަދަ އެއްޗެތީންނެވެ. މިއީ ރައްޔިތުންނަށް ޢާއްމުކޮށް ފެންނަ ކެންޕޭނު ހަރަކާތްތައްކަމަށްވާއިރު، ޕްރޮޖެކްޓާއި، ވަޢުދު ފުއްދުމާއި، ހަދިޔާއާއި، ސަޔާއި އަދި މަސައްކަތު އުޖޫރަފަދަ ރީތި ނަންނަމުގައި ކުރިއަށްގެންދާ "ޚާއްސަ ކޭންޕޭނު" ގެ ވާހަކަ، ދިރާސާކުރާ ޖަމާޢަތްތަކާއި ނޫސްވެރިންގެ ފަރާތުން ހާމަވަމުން އެބަދެއެވެ. އަދި ގޮނޑި ކަށަވަރުކުރުމުގެ އުއްމީދުގައި ބޭނުންކުރާ ޚާއްސަ ނަމަވެސް މަނާ ބޭސް - ޙަރާން ރިޝްވަތު - ހުސްނުވެ ދޫކުރާ ފަރާތްތައް ގިނަކަމުގެ ވާހަކަ އެންމެންހެން އެބަ ދައްކައެވެ.

ގޮނޑި ބޭނުންވަނީ ދީނާއި ޤައުމުގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ މަތިވެރި މަޤުޞަދުގައިކަމަށް ދަޢުވާކުރާ މީހާ، ދީނީ އަދި ޤާނޫނީ ގޮތުން މަނާ ކަންތައްތަކެއް ކޮށްގެން އެ ގޮނޑި ހޯދަން މަސައްކަތް ކުރާނެތޯ ސުވާލުކޮށްލާށެވެ. ފުރަތަމަ ފެށުންވެސް ގޯސްކޮށް އޮތުމުން އޭގެ ފަހުން ދެން ވާނެގޮތަކާމެދުގައި ޚިޔާލުކޮށްލާށެވެ. އަދި ގޮނޑީގެ ދަހިވެތިކަމުގައި އެފަދަ މީހުން ހިންގާ ޖަރީމާތަކުގައި އަމިއްލައަށް ބަނދެވިފައިވާ "އަހުރެންނަށް" މާދަމާ އެމީހުން ޖަވާބުދާރީ ކުރެވިދާނެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ.

ވިހިވަނަ މަޖިލިސް އިންތިޚާބަށް ކުރިމަތިލާފައިވާ ވަރަށް ގިނަ ކެންޑިޑޭޓުންނަކީ މީގެ ކުރިންވެސް އެ މަޖިލިހުގައި ޓެސްޓު ކުރެވި ނަތީޖާ ފެނިފައިވާ މީހުންނެވެ. އަދި އޭގެތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ދައުރުތަކުގައި އަމިއްލަ މަންފާއާއި ވާގިވެރީންގެ ހެވަށްޓަކައި ބޭއިންސާފުން ރައްޔިތުންގެ ޙައްޤުތައް ޤުރުބާންކުރި މީހުންނެވެ. ކެންޕޭނުގައި ދެއްކި ވާހަކަތަކާއި ކޮށްގެން ތިބި ހުވާ ހަނދާން ނައްތައިލައި ޤައުމަށާއި އަމިއްލަ ނަފުސަށް ޣައްދާރުވީ މީހުންނެވެ. މިއަދު އެހެން ލިބާހެއް ލައިގެން އަޔަސް އެއީ ހަމަ އެއްބައެކެވެ. އެފަދަ މީހުންނަށް ކުރިން ލިބުނު ފުރުޞަތުގައި ނުވި ރަނގަޅެއް ވަކި މި ދައުރުގައި ވާނީ ކިހިނަކުންތޯވެސް ސުވާލުކޮށްލާށެވެ.

ކޮންމެ ސަބަބަކާހުރެ ކަމަށްވިޔަސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މާކުރިން ވަނީ ގޯސް ހަދާފައެވެ. ޢިލްމީގޮތުން ޤާބިލު އަދި އަޚުލާޤީގޮތުން އިތުބާރުކުރެވޭފަދަ ކިތަންމެ ބަޔަކު އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރިއެވެ. ނަމަވެސް ޕާޓީ ބޮޑުންގެ ނޭއްގާނީ ސިޔާސަތާއި ނާޖާއިޒު މުޢާމަލާތުތަކުގެ ދަޅަ ގަދަކަމުން، ޢިލްމާއި އަޚުލާޤުގެ އަލިކަން ނެރެލާން ލިބިފައިވަނީ ވަރަށް ހަނި ފުރުސަތެކެވެ. ކަންހިނގާނެ ގޮތަށް ބަލާއިރު، ޢިލްމާއި އަޚުލާޤުގެ ވެރި ދެތިން މީހަކު ފަހަރެއްގައި މަޖިލިހަށް ހޮވުނަސް، އެއާ އިދިކޮޅު މެޖޯރިޓީއެއް އޮތްނަމަ އެ ދެތިންމީހުންނަކީ ނެތްބައެއްފަދަ ވާނެއެވެ.

ހޮވަންވީ ކޮންބައެއް؟

އިސްލާމީ ދައުލަތެއްގައި އޮންނަ މަޝްވަރާ މަޖިލިހުގެ މެންބަރުންގެ ކިބައިގައި ހުންނާންޖެހޭނެ ސިފަތައް ބަޔާންކުރައްވައި، އަލްއިމާމުލްބުޚާރީ ވިދާޅުވެފައިވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމައަށްފަހުގައި ވަޑައިގެންނެވި އިމާމުން މަޝްވަރާކުރެއްވީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިންވެސް އެންމެ އަމާނާތްތެރި މީހުންނާއެވެ. ސުފިޔާނުއްޘައުރީ ވިދާޅުވިއެވެ. ތިބާ އެބަޔަކާ މަޝްވަރާކުރާނަމަ ތަޤުވާވެރި، އަމާނާތްތެރި، އަދި الله އަށް ބިރުވެތިވާމީހުންނާ މަޝްވަރާކުރާހުށިކަމެވެ. އިބުނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ކިތަންމެ ވިސްނުން ތޫނު ތަޖުރިބާހުރި އަދި މީސްތަކުންގެ ކަންތައްތައް ރަނގަޅަށް ދަންނަމީހެއްނަމަވެސް، އޭނާގެ ދީނީ ކަންތައްތަކާމެދު ބޮޑުއިތުބާރެއްނެތްނަމަ އެފަދަމީހަކާ ތިމަންމެން މަޝްވަރާއެއްނުކުރަމުއެވެ. އިބުނު ޢަޠިއްޔާ ވިދާޅުވެފައިވާގޮތުގައި ޝޫރާ ނުވަތަ މަޝްވަރާކުރުމަކީ މުސްލިމުންގެ މެދުގައި އެކުލަވައިލެވޭ ޤާނޫނުތަކުގެ އަސާސެވެ. އެހެންކަމުން، ފަންނީ ޢިލްމުތަކުގެ އަހުލުވެރިންނާއި ދީނީ ޢިލްމުވެރިން އެފަދަ މަޖިލިހެއްގައި ތިބޭންޖެހޭނެއެވެ.

ފަހު ބަސް

ތިމާއަށް ލިބޭ ވަގުތީ މަންފާއަކަށްޓަކައި، މަޤާމަށް އެކަށީގެންނުވާ މީހަކު ޤާނޫނު ހަދާ މަޖިލިހަށް ހޮވުމަށް ވޯޓު ދިނުމަކީ ހީކުރާވަރަށްވުރެ ނުރައްކާތެރި ކަމެކެވެ. އެހެންވެގެން، މިޒަމާން ދުށް ބޮޑު ދަންނަބޭކަލެއްކަމަށްވާ ޔޫސުފުލްޤަރްޟާވީ ވިދާޅުވެފައިވެއެވެ.

"ޤާނޫނު ހަދާ މަޖިލިހަށް މެންބަރުން ޢައްޔަނުކުރުމުގައި މީސްތަކުން ބޮޑު ފާފައަކަށް އަރައިގަނެއެވެ. ބޮޑެތި ފާފަތައް ކޮށް، ޖަރީމާތައް ހިންގާކަން ސާބިތުވެފައިވާ މީހުން ނުވަތަ (ސާބިތުނުވިޔަސް) އެފަދަ ކަންކަން ކުރާކަމަށް ޢާއްމުކޮށް މަޝްހޫރުވެފައިވާ މީހުން، އެކަން އެނގި ތިބެމެ މަޖިލިސް މެންބަރުންނަށް ހޮވުމަކީ ބޮޑު ފާފައެކެވެ. އެފަދަ މީހުންނަށް ވޯޓުދީގެން އެމީހުން ޢައްޔަނުކުރާ ފަރާތްތައް ޤިޔާމަތް ދުވަހުގައި އެކަމާމެދު ޖަވާބުދާރީ ވާންޖެހޭނެއެވެ. ތިމާގެ އަމިއްލަ މަޞްލަޙަތަކަށްޓަކައި، އަންނާން އޮތް ޖީލުތަކަށްވެސް އަސަރުކުރާނެ ފަދަ ޤާނޫނުތައް ހެދުމުގެ މަސައްކަތް، އެކަމަށް ކުފޫ ހަމަނުވާ ބަޔަކާ ހަވާލުކުރާ މީހުންނީ ދީނަށާއި ޤައުމަށް ޣައްދާރުވެއްޖެ ބައެކެވެ. ޤައުމުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރެވިދާނެފަދަ ޤާނޫނުތަކެއް، ފާޖިރުން ލައްވައި ހެދިދާނެކަމަށް ޤަބޫލު ކުރުމަކީ އިންތިހާއަށް މޮޔަ ކަމެކެވެ. ވައްކަން ކުރާމީހާ ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާމީހާ، އޭނާއަށް ގެއްލުމެއް ވެދާނެފަދަ ޤާނޫނެއް ހެދުމަށް ރުހިދާނެހެއްޔެވެ؟"

ވުމާއެކު، ރައްޔިތުންނާ ގުޅޭ މަޤާމުތަކަށް އިންތިޚާބުކުރާ މީހުންގެ ވަނަވަރު ބަލައި، އެފަރާތްތަކުގެ ފަހި އަދި އިދި ސިފަތަކާއި ކަންކަން ވަޒަންކޮށް އެންމެ އެކަށީގެންވާ މީހާ އިޚްތިޔާރުކުރުމަކީ ދީނީގޮތުންނާއި ދުނިޔެވީގޮތުން ބަލާއިރުވެސް ކުރާންޖެހޭނެ ކަމެކެވެ. ސަބަބަކީ އެކަން އެގޮތަށް ނުކޮށް، ލޯ މަރައިލައިގެން ތިބެ ކަތި ފިޔަވަޅެއް އަޅައިފިނަމަ، ދެމިގެންވާގޮތުގައި ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިބޭނޭ ގެއްލުންތައް އިންތިހާއަށް ބޮޑުވުމެވެ.

comment ކޮމެންޓް