ފިލިޕީންސްގައި ހޫނު ގަދަވެގެން ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓައިލައިފި

ފިލިޕީންސްގައި ހޫނު ގަދަވެގެން ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ ހުއްޓައިލައިފައި. ފޮޓޯ/ދަ ސްޓާ

ހޫނު ގަދަވުމުގެ ސަބަބުން ފިލިޕީންސްގެ ވެރިރަށް މެނީލާގެ 10 ވަރަކަށް ސްކޫލް ހިމެނޭހެން އެތައް ސްކޫލެއްގައި ކްލާސްތަކުގައި ކިޔަވައިދިނުން މެދުކަނޑާލައިފިއެވެ.

އެ ގައުމުގެ ހޫނުމިންވަރު މިން ކުރަނީ އިހްސާސްކުރެވޭ ހޫނުމިންވަރަށް ރިއާޔަތްކޮށެވެ.

ހޫނު ގަދަވެގެން ބަންދުކޮށްފައި ވަނީ މެނީލާގެ އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ ކުއެންޒޯންގެ ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލްތަކެވެ. އެހެން ސަރަހައްދުތަކުގެ ސްކޫލްތަކަށް ރިޕޯޓު ލާނިންއަށް ބަދަލުކުރުމުގެ އިހްތިޔާރު ދީފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. މެނީލާގެ ބައެއް ސްކޫލްތަކުން ވަނީ ސްކޫލްގައި ކުދިން ހޭދަކުރާ ވަގުތު މަދުކޮށްފައެވެ.

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނައޯގެ ބައެއް ސަރަހައްދުތަކުގެ ސްކޫލްތައްވެސް ވަނީ ސްކޫލްގައި ކިޔަވައިދޭ ގަޑިތައް ކުރުކޮށްފައެވެ.

ފިލިޕީންސްގައި އިހްސާސްކުރެވޭ ހޫނުމިންވަރު އިއްޔެ ވަނީ 42 ޑިގްރީ ސެލިސިއަސްއަށް އަރައިފައެވެ. އެ މިންވަރު މިއަދު 43 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންގާރަ ދުވަހު އަސްލު ރެކޯޑުކޮށްފައިވާ ހޫނު މިނަކީ 32 ޑިގްރީ ސެލްސިއަސްއެވެ.

ސާޅީސް ދެ ޑިގްރީ ސެލްސިއަސް އާއި 51 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ހޫނުމިން މަތިވާނަމަ، ބޮލުގައި ރިއްސުމާއި ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެ ހޫނުވުމުގެ ސަބަބުން ސްޓްރޯކެއް ޖެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް