ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެންގޮސް 54 މީހުން މަރުވެއްޖެ

ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަނީ. ފޮޓޯ/އަލްޖަޒީރާ

ފިލިޕީންސްގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ މަސާރާގައި ބިންގަނޑު ކަނޑައިގެންގޮސް މަރުވި މީހުންގެ އަދަދު 54 އަށް އަރައިފިއެވެ.

އެ ހާދިސާގައި އިތުރު 63 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

މަސާރާގައި ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ ބޯކޮށް ވާރޭ ވެހޭތާ ދުވަސްގަނޑަކަށްފަހުއެވެ.

ފިލިޕީންސްގެ ޑަވާއޯ ޑި އޮރޯގެ ޕްރޮވިންސް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 54އަށް އަރައިފައިވާއިރު، ގާތްގަޑަކަށް 37 މީހުން ވަނީ ޒަހަމްވެފައެވެ. އިތުރު ހަށިތައް ހޯދުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުތަކުން ކުރަމުން އަންނަ ކަމުގައިވެސް ސަރުކާރުން ބުނެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 300 އަށް ގިނަ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބޯކޮށް ވާރެ ވެހުމުގެ ސަބަބުން މީހުން ހޯދައި ސަލާމަތް ކުރުމަށް ދަތިވެފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

ކާރިސާތަކާބެހޭ އޮފީހުން ހާމަކޮށްފައިވާ ގޮތުން 1،100 އަށްވުރެ ގިނަ އާއިލާތައް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ފިލިޕީންސްގެ ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭ ވެހޭތާ ހަފުތާތަކެއް ވެފައިވާއިރު، ގިނަ އަދަކަށް ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ކުއްލި ހާލަތުގައި ބޭނުންކުރާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

ބޯކޮށް ވާރޭވެހުމާއި، މައިން ކުރުން، ޖަންގަލިތަކުން ގަވާއިދާ ހިލާފަށް ގަސް ކެނޑުމުގެ ސަބަބުންނާއި އެ ނޫންވެސް އެފަދަ ސަބަބަތަކާހެދި ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެން ދިއުމަކީ ވަރަށް އާންމު ކަމެކެވެ.

comment ކޮމެންޓް