ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު އޭނާގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް ދެއްވައިފިއެވެ.
އެ ދާއިރާއަށްވ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު) އެވެ.
ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަލީ އާޒިމްގެ ކޮއްކޮއެއް ކަމަށްވާ ހ. ކްއީން، އިލްޔާސް އަހުމަދެވެ. އޭނާ ވަނީ ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާ ކަމަށް ބުނެ، ހަސަންގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ.
އެއާއެކު މިއަދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހެންވޭރުގައި ހުންނަ ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ ތަނަށް އޭނާ ވެސް ވަނީ ގޮސްފައެވެ.
އަދި އޭނާގެ ތާއީދު އެމްޑީޕީ ކެންޑިޑޭޓަށް އޮތްކަން ވަނީ ހާމަކުރައްވައިފައެވެ.
މިދިޔަ މަޖިލީސް އިންތިޚާބުގައި ވެސް ހަސަންގެ މި ދަރަނީގެ މައްސަލަ ބޮޑުވިއެވެ.
އެކަމަކު، އޭރު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ހަސަނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.