ފުލުހަށް ހާޒިރުކުރީ އަނިޔާވެރިވާ މަންޒަރު ދައްކައިގެން ރައްޔިތުން ބިރުގަންނުވަން: ފައްޔާޒު

މިއަދު ފައްޔާޒު ފުލުހަށް ހާޒިރުކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމު

ފުލުސް އޮފީހަށް އޭނާ ހާޒިރުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އަނިޔާވެރިކަމުގެ މަންޒަރު ދައްކައި ބިރު ދެއްކުން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުން، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މަންފާ ލިބިފައިވާ ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އެންގީ އިއްޔެއެވެ.

މިއަދު އޭނާ ހާޒިރުވެފައިވާއިރު، ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ހެންވޭރު ދަނޑު ކައިރި ހުންނަ ފުލުހުންގެ އިމާރާތް ކައިރިއަށް އެއްވެ ތިއްބެވެ.

ފުލުހަށް ހާޒިރުވުމަށްފަހު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް އެއްވެސް ކުށެއްގެ ތުހުމަތު ނުކުރާ ކަމަށެވެ.

"އަޅުގަނޑު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ވިދާޅުވި," އޭނާ ވިދާޅުވިއެވެ.

މިއަދު ފައްޔާޒު ފުލުހަށް ހާޒިރުކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމު

ފައްޔާޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން ފުލުހުން ހޯދަން ސުވާލުކުރި މައުލޫމާތަކީ އޭނާގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމު ވެސް ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އެހެންވެ، މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އޭނާއަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެ ކަމުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ.

"ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ.

ފުލުހަށް ހާޒިރުވާން ފައްޔާޒަށް ފޮނުވި ޗިޓުގައި އޭނާއަށް ކުރެވޭ ތުހުމަތުގެ ގޮތުގައި އޮތީ، އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފައްޔާޒު ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

comment ކޮމެންޓް