ވޯޓަކައިނުލާ ވީއޭއެމްގެ ރައީސަކަށް ލަތީފް

ވީއޭއެމްގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ލަތީފް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް އިންތިޚާބުވެވަޑައިގެންފިއެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރަނޭޝް (ރަނޭ)، މިދިޔަ މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރަން އޯޓީޕީ ބައި ސޮލައިޓް ރެސްޓޯރެންޓުގައި ރޭ ބޭއްވި އެ އެސޯސިއޭޝަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައީސް ކަމަށް ލަތީފް އިންތިޚާބުވެވަޑައިގެންނެވީ ވޯޓަކާ ނުލައެވެ.

ވީއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ވެސް ކުރައްވާ ލަތީފް އެކަންޏެވެ. އެހެންކަމުން ވީއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން ވޯޓަކާ ނުލައި ލަތީފް ވަނީ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ހަތަރު ނައިބު ރައީސުން ވެސް ހޮވައިފައެވެ. ސީނިއާ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ މުހައްމަދު ސާޖިދެވެ. ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް އަލީ ލަތީފް އިިންތިޚާބުވެވަޑައިގެންނެވިއިރު، ނައިބު ރައީސް އިދާރީގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި އިއްޒަތު ވަހީދެވެ. އަދި އަންހެން ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ އާއިދާ އަބްދުލްހަކީމެވެ.

އެ މަގާމުތަކުގެ އިތުރުން ހިންގާ ކޮމިޓީގެ ހަތަރު މެންބަރެއް ވެސް ވަނީ އިންތިޚާބުކޮށްފައެވެ. އެ މަގާމުތަކަށް އިންތިހާބުވީ ފަތުހުﷲ ވަހީދާއި ޝިޔާމް އަލީއާއި ސޮފްވާން އަހުމަދު އަދި އާއިޝަތު ފަތީނަތެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ލަތީފް ވަނީ މީގެ ކުރިން 2016 ގައި ވެސް އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި އޭނާއަށް މަގާމު ގެއްލުނީ، އޭރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ މައްސަލައެއް ބެލުމަށްފަހު ހިންގާ ކޮމިޓީ އުވާލުމުންނެވެ.

ކުރިން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލްގެ އެންގުމަށް އިންތިޚާބު މަޑުޖައްސާލަން ޖެހުނެވެ. އެއަށްފަހު އަލުން އިންތިޚާބު ބޭއްވުމުގެ ހުއްދަ ދީފައިވަނީ ޝަރުތުތަކަކާއެކުއެވެ.

comment ކޮމެންޓް