ގައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސިފައިންނަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކްލަބު، ލީގު ޝީލްޑާއެކު -- ފޮޓޯ/ ވީއޭއެމް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ ރޭ ކުޅުނު ފައިނަލުގައި 3-1 ސެޓުން ކްލަބު އާބަންކޯ ބަލިކޮށްގެންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 22-25 އިން ސިފައިން ގެންދިޔަ ނަމަވެސް، އާބަންކޯ އިން ވަނީ 25-23 އިން ދެވަނަ ސެޓު ގެންގޮސްފައެވެ. ސިފައިން މެޗު ކާމިޔާބުކުރީ ފަހު ދެ ސެޓު 24-26 އަދި 20-25 އިން ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ އާދަމް ނަސީމެވެ.

އެ މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކުރި ގޮތަށް ބަލައިލާ އިރު، ސިފައިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އަދި އާބަންކޯ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ތިންވަނަ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން ސިފައިން ވަނީ ދާދި ފަހުން ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ ލީގުގެ ވެސް ޗެމްޕިއަންކަން ހޯދައިފައެވެ. ލީގުގައި އާބަންކޯ ނިންމާލީ ތިންވަނައިގައެވެ.

comment ކޮމެންޓް