ރާއްޖެ ދެމިއޮތްހާ ދުވަހަކު އެއާފޯސްގެ ޚިދުމަތް މެދުކެނޑިގެން ނުވާނެ: ގާސިމު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް: ގާސިމު ވަނީ އެއާފޯސް ގެ ޚިދުމަތް ތައާރަފް ކުރެއްވި ކަމަށްތަކައި ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އެއާފޯސްގެ ޚިދުމަތަކީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދުކެނޑިގެން ނުވާނޭ ޚިދުމަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އެއާކޯ އަދި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ޚިދުމަތް ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އިފުތިތާހު ކޮށްދެއްވައިފައެވެ.

އެ ޚިދުމަތާ ގުޅޭ ގޮތުން ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަކީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި މަސްވެރިކަމަށް ޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އެހެންވެ، އެމްއެންޑީއެފް އެއާކޯގެ ޚިދުމަތް ތައާރަފު ކޮށްދެއްވި ކަމަށްޓަކައި ރައީސަށް ގާސިމް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ޒަމާނީ އަސްކަރީ ޑްރޯން އޮޕަރޭޓް ކުރުން އިފުތިތާހުކޮށްދެއްވީތީ ވެސް ގާސިމް، ރައީސަށް މަރުހަބާއާއި ތަހުނިޔާ އަރިސްކުރެއްވިއެވެ.

ގާސިމު ވިދާޅުވީ މި ސަރުކާރުން މި މަސައްކަތް ފެށުމަކީ ތާރީޚީ އަދި ފަޚުރުވެރި ކަމެއް ކަމަށެވެ.

މީގެ އިތުރަށް ގާސިމް ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރަފު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި ރާއްޖޭގެ ކަނޑުދަތުރުތަކަށް އަމާން ދުވަސްތަކެއް ހޯދައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ އެކުވެރި ގައުމުތަކަށް ކޮންމެ ކަމެއްގައި ބަރޯސާ ވުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ. އެގޮތުން ގައުމެއްގެ ގޮތުގައި އަމިއްލައަށް ކުރަން ޖެހޭ ކަންކަން ކުރަން އެހެން ގައުމުތަކަށް ދުކޮށްލުމަކީ އެހީދޭ ފަރާތްތަކަށް ވެސް ތަކުލީފަކަށް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ކަމުން، ގައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ގައުމުގެ ދިފާއަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ގައުމާއި ގެން ކުރިއަށް ދިއުމަށް މަނިކުފާނު ތިޔަ ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް އަރިސް ކުރަމެވެ." ގާސީމްގެ ޕޯސްޓުގައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު މެދުކެނޑުމެއްނެތި ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް ގެނައި ޑްރޯންތައް އިފުތިތާހު ކުރީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

https://sun.mv/189870

އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ތުރުކީއިން ގެނެސްފައިވާ ޔޫއޭވީއަކީ އެ ގައުމުގެ ހިލޭ އެހީގެ ތެެރެއިން ގެނައި ޔޫއޭވީތަކެއް ކަމަށާއި މިހާރު ބޭނުންކުރަން ފަށަނީ ތިން އުޅަނދު ނަމަވެސް ކުރިއަށް އޮތް ތަނުގައި އުޅަނދުތައް އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް