ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ތުރުކީއިން ގެނެސްފައިވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)އަކީ އެ ގައުމުގެ ހިލޭ އެހީގެ ތެެރެއިން ގެނައި ޔޫއޭވީތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް ލިބުނު ގާބިލުކަމަކީ މިއަދުގެ ޓެކްނޮލޮޖީގެ އެންމެ މަތީ ފަންތީގައި ހިމެނޭ ޓެކްނޮލޮޖީ ކަމަށެވެ.
މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނީ ސަލަމާތްތެރިކަމަށާއި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށާއި އިގްތިސާދީ މަސައްކަތްތަކަށް ފެށުނު ގައުމީ މަަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރަހައްދު ބެލެހެއްޓުމަށް މިހާރު ދިވެހި އަސްކަރިއްޔާގައި ތިން އުޅަނދު ބޭނުންކުރަން ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި އުޅަނދުތައް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގިނަ އާލަތްތަކަކީ، [ތުރުކީ ސަރުކާރު] މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތިކަން ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީގެކުރިން އެކަން ކުރުމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން ޖެހުނީ އެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.
"އެހެންނަމަވެސް މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓީމަ އަޅުގަނޑުމެންގެ މިނިވަން ކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ބަ ޔަގީން ވެގެންދޭ." ރައީސް ވިދާޅުވިއެވެ.
"ހާލުގަ ޖެހިގެން ހޯދަންޖެހޭ މީހާ ނުހޯދިގެން މީގެކުރިން އުޅެން ޖެހުނުހާ ގިނަ ވަގުތު ދެން އުޅެން ނުޖެހޭނެ ކަން އިރާދަކުރެއްވިއްޔާ އެބަ ޔަގީން ވެގެންދޭ،"
މީގެއިތުރުން، ރާއްޖޭގެ ނުވަ އަކަ ކިލޯ މީޓަރުގެ ސަރަހައްދަކީ މީގެފަހުން ކޮންމެ ވަގުތަކު ވެސް ބެލެހެއްޓޭނެ ތަނެއް ކަމަށާއި ހާލުގަ ޖެހިގެން ހޯދާ މީހުން ހޯދޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކަނޑު މަގުން އެތެރެ ކުރާ މަސްތުވާތަކެތި އަތުލަގަތުމަށް މީގެކުރިން އެހެން ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހުނަސް ޔޫއޭއީތަކުގެ އެހީގައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރެވިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.