އެމްޓީސީސީގެ އަގު ވައްޓައިލަނީ ކުންފުންޏަށް ލޯތްބެއް ނެތީމާ: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ، އެމްޓީސީސީގެ އަގު ވައްޓައިލަނީ ކުންފުނި ދެކެ ލޯބިނުވާތީ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

އެތައް ބައިވަރު ރައްޔިތުންނެއް ޙިއްސާވާ އެމްޓީސީސީގެ އަގު ވައްޓައިލާނީ އެއްވެސް ލޯތްބެއް، އިޙުތިރާމެއް ކުންފުންޏާ ދޭތެރޭ ނެތީމަ ކަމަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ، މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވުމަށް ފަހު، އެމްޓީސީސީގެ އާ މެނޭޖްމަންޓުން ވަނީ ކުންފުނި އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި މިދިޔަ ފަސް އަހަރު އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ އޮޑިޓު ފާމްތަކުން އޮޑިޓުކުރުމަށް ފަހު އާންމުކޮށްފައިވާ ރިޕޯޓުތައް އެމްޓީސީސީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށެވެ.

އެވްރެޖްކޮށް 200 މިލިއަން ރުފިޔާގެ ފައިދާ ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ މެނޭޖްމަންޓުން ކުރީގެ މެނޭޖްމަންޓަށް ކުރި ތުހުމަތުތައް ދޮގުކޮށް، އާޒިމް ވަނީ ކުންފުނި ހިންގުމުގައި ތެދު މައުލޫމާތު ފޯރުކޮށްދޭން އެދިވަޑައިގެންފައެވެ.

"އެތައް ބައިވަރު ރައްޔިތުންނެއް ޙިއްސާވާ ކުންފުންޏެއްގެ އަގު ވައްޓައިލާނީ އެއްވެސް ލޯތްބެއް، އިޙުތިރާމެއް ކުންފުންޏާ ދޭތެރޭ ނެތީމަ. އެ ވަރުގެ ދަރަންޏެއް ނޯންނާނެ. ލިބެން އޮތް 1700 މިލިއަން ހޯދާފައި އެއިން ދައްކަން އޮތްވަރު ކަނޑާލީމައި ވެސް މަދުވެގެން 1000 މިލިއަން ރުފިޔާ ކޭޝް ހުންނާނެ އެމްޓީސީސީގައި،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، އާޒިމް ވަނީ ކުންފުންޏަށް ލިބެންހުރި ފައިސާ އަވަހަށް ހޯދަން އެދިވަޑައިގެންފައެވެ.

އެމްޓީސީސީގެ އާ މެނޭޖްމެންޓުން ވަނީ ކުންފުންޏާ ހަވާލުވިއިރު އެ ކުންފުނީގެ ހާލަތު އޮތް ގޮތާއި، އެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް އާންމުންނާ ޙިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި އާ މެނޭޖްމެންޓުން ބުނީ ކުންފުނި އޮތީ ބިލިއަނުން ދަރާފައި ކަމަށެވެ. އަދި، ކުންފުންޏަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބޭ ކަމަށާއި މީގެ ތެރެއިން ބޮޑު ބަޔަކީ ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގައި ލިބެންޖެހޭ ފައިސާ ކަމަށެވެ.

އާ މެނޭޖްމެންޓުން ބުނީ ކުންފުނީގެ ރިސޯސްތައް ބޭނުންކޮށްފައި ހުރި ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

comment ކޮމެންޓް