ޕްރައިމަރީން ބަލިވި އަނާރާގެ ކެމްޕޭންގައި ސަރުކާރުގެ މިނިސްޓަރުން

އަނާރާގެ ކެމްޕޭންގައި ސަރުކާރުގެ އިސްވެރިން: ޕްރައިމަރީން ނާކާމިޔާބުވުމުން އޭނާ ވާދަކުރަނީ އަމިއްލަގޮތުން --

ސަރުކާރު ހިންގާ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވި ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އަމިއްލަގޮތުން ވާދަކުރައްވާއިރު ވެސް އޭނާގެ ކެމްޕޭންގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަނާރާ ވާދަކުރަން ނިންމާފައިވަނީ ހުރާ ދާއިރާއަށެވެ.

މަޖިލީހަށް ވާދަކުރަން އަނާރާ ވަނީ މިދިޔަ ޖެނުއަރީ 27 ގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފައެވެ. އެކަމަކު، ޕްރައިމަރީން އޭނާ ނާކާމިޔާބުވީއެވެ. އެކަމަކު، ދާއިރާގެ ގިނަ ރައްޔިތުން އެދޭ ކަމަށް ވިދާޅުވެ، އަނާރާ ވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފައެވެ.

އިއްޔެ އަނާރާ ވަނީ ކެމްޕޭންގައި ދޮރުންދޮރަށް ހިނގާ މަންޒަރެއް ހިއްސާކުރައްވައިފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަނާރާގެ އަރިހުގައި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ހުންނެވިއެވެ. އަދި، ރައީސް އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒް މުހްސިން ވެސް އަނާރާއާ އެކު ކެމްޕޭންގައި ބައިވެރިވާ މަންޒަރު ފެނެއެވެ.

ސަރުކާރުން މިހާތަނަށް މި ކަމުގައި ވަކި އެއްވެސް ބުނެފައިނުވާއިރު ހުރާ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އަބްދުﷲ ވާރިޘް ވާދަކުރައްވައެވެ.

ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީގައި ހަތް ބޭފުޅުން ހުރާ ދާއިރާއަށް ވާދަކުރެއްވިއެވެ. ޕްރައިމަރީގައި އަނާރާއަށް ލިބިވަޑައިގަތީ 257 ވޯޓެވެ. ޕްރައިމަރީ ކާމިޔާބުކުރި ވާރިޘް 372 ވޯޓު ހޯއްދެވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ޕްރައިމަރީން ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަން ނިންމައިފައެވެ. އަދި، ސަރުކާރުގެ ބައެއް ބޭފުޅުން ގެންދަވަނީ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަދަލުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންނެވެ.

comment ކޮމެންޓް