ތެލަސީމިއާ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުޙައްމަދު ލަތީފާއި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް--- ފޮޓޯ: މުހައްމަދު މާވީ/ ސަން

ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ނިންމާފައިވާއިރު އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް 2024 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ރަނގަޅު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ހަފުތާ 14ގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ހާއްސަކޮށްގެން ކަންތައްތަކެއް ފަށައި ކުރިއަށް އެބަގެންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވައިން 71،000 އަކަފޫޓުގެ ބިމެއް އެކަމަށް ހަމަޖައްސަވައި ދެއްވައިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އެ ހޮސްޕިޓަލް އެޅުމަށްޓަކައި ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ވަރަށް ބާރަށް ކުރިއަށް ދާކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އިރާދަކުރެއްވިއްޔާ އޭގެ އަމަލީ މަސައްކަތް ދާދި އަވަހަކަށް ފެށިގެން ދާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ބޯންމެރޯ ސަރުކާރުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސްގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދު ކަމަށްވާއިރު އެކަން މިހާރު ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް މިހާރު އަތޮޅުތެރޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"[ތެލަސީމިއާ މީހުންނަށް] ލުއިގޮތްތަށް ހޯދައި ދިނުމަށް ސަރުކާރުގެ ވުޒާރާތަކުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް ދެން،" ނައިބު ރައީސް ވިދާޅުވިއެވެ.

މިއީ ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް ބާއްވާ ތިންވަނަ ފަހަރެވެ. އެ ކޮންފަރެންސް ބާއްވަނީ ތެލަސީމިއާ މީހުންގެ ކަންކަން ރަނގަޅުކޮށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުމުގައެވެ.

comment ކޮމެންޓް