މެޑިކަލް ޓޫރިޒަމާއެކު، ސިއްހީގޮތުން ވަރުގަދަ ނާރެހަކަށް ގަން ހަދައިދޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ލ. ގަމަށް މެޑިކަލް ޓޫރިޒަމް ތައާރަފުކޮށް، ސިއްހީގޮތުން ވަރުގަދަ ނާރެހަކަސް އެރަށް ހަދައިދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގަމު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލުގެ އެންމެ މަތީ ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނޭ ވާހަކަ ކުރިން ވެސް ވިދާޅުވި ކަމަށެވެ. އެގޮތުން ކައުންސިލުގެ އިސްނެގުމުގެ މަތިން ކުރެވުނު މަސައްކަތަތަކުން މިހާރު އެ މަސައްކަތް ފެށިފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ވެސް ގަމުގައި ގާއިމް ކޮށްދޭވާނޭ ކަމަށް މީގެ ކުރިން ވައުދުވެވަޑައިގެންފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ގަމަކީ ފަތުރުވެރިކަން ވެސް ވަރަށް ރަނގަޅަށް ކުރިއެރުވެން އޮތް ރަށެއްކަމުން މެންޓަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދާނީ މެޑިކަލް ޓޫރިޒަމާ އެކުކަމަށެވެ.

"... މި އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށް ވާތީ މެންޓަލް ހޮސްޕިޓަލާ އެކު ޓޫރިޒަމް ގުޅުވާލައިގެން ގެންނަން ނިންމާފައި މި އޮތީ. އެއާ އެކީގައި ޓާޝަރީ ފެންވަރުގެ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރެވުމާ އެކީގައި ސިއްހީގޮތުން ވަރުގަދަ ނާރެހަކަށް އިރާދާކުރެއްވިއްޔާ މިރަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި ހިންގާ ހައުސިން މަޝްރޫއުތަކުގެ އެންމެ ގިނަ މަޝްރޫއު ހިންގާ ރަށަކީ ވެސް ގަން ކަމުގައި ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސަތޭކަ ހައުސިން ޔުނިޓަކީ އެއީ ފެށިފައި އޮތް މަޝްރޫއު. އެއަށްވުރެ މާގިނައިން އަޅުގަނޑުމެންގެ ސިޔާސަތުގައި މިއޮތީ ކަނޑައެޅިފައި. މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫއު ފަސް އަހަރަށް ބަހާލައިގެން، އޭގެ ތެރެއިން ހަމަ އެންމެ ބޮޑު ދައުރެއް އަދާކުރާ ރަށަކަށް މިރަށް ވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ގަމަށް މާބޮޑު އަޅާލުމެއް ދީފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެކަން ބަދަލު ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް