ދެކުނު ކޮރެޔާއިން ކިއުބާއާ އެކު ޚާރިޖީ ގުޅުން ގާއިމުކޮށްފި

ދެކުނު ކޮރެޔާ ސިފައިންގެ 73 ވަނަ އަހަރީ މުނާސަބަތުގައި އެ ގައުމުގެ ސިފައިން ބޮޑު ގައުމީ ދިދައެއްގެ ކުރިމަތީގައި ސަލާމް ކުރަނީ -- ފޮޓޯ/އިންގްލިޝް އަރަބިޔާ

ފިނި ހަނގުރާމައިގެ ދުވަސްވަރު އުތުރު ކޮރެއާގެ އެންމެ އެކުވެރި އެއް ގައުމު ކަމަށްވާ، ކިއުބާއާ އެކު ދެކުނު ކޮރެޔާއިން ޚާރިޖީ ގުޅުން ގާއިމްކޮށްފިއެވެ.

ދެކުނު ކޮރެޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމަށް ކަނޑައަޅައިފައި ހުންނަ އދގެ މަންދޫބުން ވަނީ ސިޓީ މެދުވެރިކޮށް ޚާރިޖީ ގުޅުން ގާއިމުކުރުމަށް އެއްބަސްވެފައި ކަމަށެވެ.

ދެކުނު ކޮރެޔާއާއި ކިއުބާއާ ދެމެދު ގާއިމުކުރި އާ ޚާރިޖީ ގުޅުމަކީ ލެޓިން އެމެރިކާ ސަރަހައްދުގެ ގައުމުތަކާއެކު ޚާރިޖީ ގުޅުން ހަރުދަނާ ކުރުމަށް ދެކުނު ކޮރެޔާއިން ކުރާ މަސައްކަތުގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

ކުރިން 1960 ވަނަ އަހަރު އުތުރު ކޮރެޔާއާއި ކިއުބާއާ ދެމެދު އުފެދުނު ގާތް ގުޅުމަކީ ދެ ގައުމުން ހިއްސާކުރާ ސޯޝަލިސްޓު ފިކުރުތަކާއި އެމެރިކާއާ މެދު ދެ ގައުމުގައި ވެސް އޮތް އަދާވާތްތެރިކަމުގެ ސަބަބުން އުފެދުނު ގުޅުމެކެވެ. އުތުރު ކޮރެޔާގައި ކިއުބާގެ އެމްބަސީއެއް ވެސް ގާއިމުކޮށްފައި ހުރެއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ކިއުބާގެ މަރުހޫމް ލީޑަރު ފިޑެލް ކާސްޓްރޯ އަކީ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެފައެވެ. އުމުރުފުޅުން 90 އަހަރުގައި ކާސްޓްރޯ އަވަހާރަވުމާ ގުޅިގެން އުތުރު ކޮރެޔާއިން ވަނީ ރަސްމީ ހިތާމައިގައި ތިން ދުވަސް ކަނޑައަޅައިފައެވެ. ކާސްޓްރޯ އަވަހާރަވީ 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް