ދެކުނު ކޮރެއާގައި ވިހާ ނިސްބަތް އިތުރުކުރުމަށް ހައި ސްޕީޑް ރޭލެއްގެ ހިދުމަތް ފަށައިފި

ދެކުނު ކޮރެއާގެ ވިހާ ނިސްބަތް އިތުރުކުރުމުގެ މަގްސަދުގައި ބިމު އަޑީގައި ހައި ސްޕީޑް ރޭލު ހިދުމަތެއް ފަށައިފި. ދެކުނު ކޮރެއާ އަކީ ދުނިޔޭގެ ނިސްބަތުން ވިހާ މީހުން އެންމެ ދަށް ގައުމު. ފޮޓޯ/ރޮއިޓާސް

ދެކުނު ކޮރެއާގައި މީހުން ވިހާ ނިސްބަތް އިތުރުކުރުމުގެ މަގުސަދުގައި އާއިލާއާއެކު ގިނަ ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ބިމު އަޑީގައި ހައި ސްޕީޑް ރޭލު ހިދުމަތް ދޭން ފަށައިފިއެވެ.

ނުވަދިހަ ނުވަ ބިލިއަން ޑޮލަރުގެ ގްރޭޓް ޓްރެއިން އެކްސްޕްރެސް (ޖީޓީއެކްސް) ގެ ސަބަބުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއާއި އެ ގައުމުގެ ބޭރު ސަރަހައްދުތަކާ ދެމެދު ދަތުރުކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އެއާއެކު އާންމުން ގޭގައި މަޑުކުރާ ވަގުތު އިތުރުވެ، ވިހެއުމުގެ ރޭޓު މަތިވާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ލަފާކުރެއެވެ.

އެ ހިދުމަތް އިއްޔެ އިފްތިތާހުކޮށްދެއްވީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލްއެވެ.

ޖީޓީއެކްސްގެ ސަބަބުން ސޯލްއާއި އެ ގައުމުގެ އެހެން ސަރަހައްދުތަކާ ދެމެދު މިހާރު އާންމުކޮށް ބަހެއްގައި 80 މިނެޓުން ކުރާ ދަތުރު 19 މިނިޓަށް ކުރުވެގެންދާނެއެވެ. އެ ހިދުމަތް އިތުރަށް ފުޅާކޮށް 2035 ވަނަ އަހަރުގެ ނިޔަލަށް ސޯލް އާއި އެހެން ބައެއް ސަރަހައްދުތަކާ ގުޅުވައިދޭ ހަ ލައިނެއް ގާއިމުކުރަން ވަނީ ނިންމައިފައެވެ.

ޖީޓީއެކްސްގެ ހިދުމަތް ފުރިހަމަ އޮޕަރޭޝަނަކަށް އައުމުން އެ ހިދުމަތް ވެގެންދާނީ ދުނިޔޭގައި އެންމެ ބާރަށް ދުވާ ބިމު އަޑީގެ ރޭލް ހިދުމަތަށެވެ. އެގޮތުން ގަޑިއަކު 180 ކިލޯ މީޓަރު ބާރު މިނުގައި ރޭލު ދަތުރުކުރާނެ ކަމަށް ކަމާބެހޭ އޮފިޝަލުން ހާމަކުރެއެވެ.

ޖީޓީއެކްސްގެ ސަބަބުން ޒުވާނުންނަށް އެ މީހުންގެ އާއިލާއާއެކީ ހޭދަކުރާ ވަގުތު އިތުރުވެގެންދާނެ ކަމަށް ދެކުނު ކޮރެއާގެ ބިމާބެހޭ ވަޒީރު ޕާކް ސަންގް-ވޫ ވިދާޅުވިއެވެ. އަދި އެ ހިދުމަތުގެ މަގުސަދަކީ މަސައްކަތް ނިންމުމަށްފަހު، އެހެން ކަންކަމަށް ވަގުތު ހޭދަކުރުން ފަސޭހަ ކޮށްދިނުން ކަމުގައިވެސް ސަންގް ވީ ވިދާޅުވިއެވެ.

ނަމަވެސް ޖީޓީއެކްސްގެ ސަބަބުން މިހާރުވެސް ތޮއްޖެހިފައިވާ ސޯލްއަށް އިތުރަށް ބާރު ބޮޑުވެގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ދެކުނު ކޮރެއާ އަކީ ދުނިޔޭގެ ނިސްބަތުން ވިހާ މީހުން އެންމެ ދަށް ގައުމެވެ. އަދި އެކަމުގެ އެންމެ ބޮޑު ސަބަބުތަކަކީ ކުރަންޖެހޭ ދިގު ދަތުރުތަކާއި، ބޯހިޔާވަހިކަމުގެ އަގު ބޮޑުވުމެވެ. އެކަންތައްތައްތަކުގެ ސަބަބުން އާއިލާއެއް ބިނާކުރުމަށް ވަގުތު ނުދެވެނީ ކަމަށްވެސް އެ ގައުމުގެ މީހުން ބުނެއެވެ.

comment ކޮމެންޓް