ވެމްކޯއިން އަންހެން ޑިވިޝަންގެ ތަށި ދިފާއުކޮށްފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބު ވެމްކޯ -- ފޮޓޯ/ ވީއޭއެމް

ކްލްބު ވެމްކޯއިން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި ދިފާއުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއިން ނުކުތީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.

ރޭ ކުޅުނު ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް ވެމްކޯއިން ކުރި ހޯދާފައިވަނީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު 21-25 އަދި 21-25 އިން ވެމްކޯއިން ގެންގޮސް ވަނީ ހަމަޖެހިލައިފައެވެ. މެޗުގެ ތިންވަނަ ސެޓު 25-19 އިން ޕޮލިހުން ގެންދިޔަ ނަމަވެސް، ވެމްކޯއިން ވަނީ ފަހު ސެޓު 23-25 އިން ގެންގޮސް، ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ކިޔިޝާ ރޮކޯލް ހަންޓްއެވެ.

އެ މެޗުގެ ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކަށް ވަނީ އިނާމު ދީފައެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން އެކުލެވޭ ޑްރީމް ޓީމު ވެސް ވަނީ ހޮވައިފައެވެ.

އަންހެން ޑިވިޝަންގެ ޑްރީމް ޓީމު:

  • ބެސްޓް ސެޓާ - ފާތިމަތު ޖޫޒާން ޒަރީރު، ކްލަބު ވެމްކޯ
  • ބެސްޓް މިޑްލް ބްލޮކާ - މާޔާ ހުސައިން ސޮލާހް، ކްލަބު ވެމްކޯ
  • ސެކަންޓް ބެސްޓް މިޑްލް ބްލޮކާ - އާމިނަތު ރިޔާސާ، ވޮލީބޯލް ޔޫތު ޖެނެރޭޝަން
  • ބެސްޓް އައުޓްސައިޑް އެޓޭކާ - ހައްވާ ރާޝިދާ، ޕޮލިސް ކްލަބު
  • ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކާ - އާމިނަތު އަރީޝާ, ކްލަބު ވެމްކޯ
  • ބެސްޓް އޮޕަސިޓް ޕްލޭޔާ - ފާތިމަތު ސަމްހާ، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން
  • ބެސްޓް ލިބެރޯ - މައިހާ އަލީ، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން
  • ބެސްޓް ކޯޗު - ޝުއައިބު އަހުމަދު، ކްލަބު ވެމްކޯ
  • މޯސްޓް ޕްރޮމިސިން ޕްލޭޔާ - އަލްޔާ އަހުމަދު، ޕޮލިސް ކްލަބު
  • ބެސްޓް އިންޓަނޭޝަނަލް ޕްލޭޔާ - ކިޔިޝާ ރޮކޯލް ހަންޓް، ކްލަބު ވެމްކޯ
  • މޯސްޓް ވެލިއުބަލް ޕްލޭޔާ - އާއިޝަތު މާޖިދާ، ކްލަބު ވެމްކޯ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން ވެމްކޯ އިން ވަނީ ދާދި ފަހުން ނިމިގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

comment ކޮމެންޓް