އޭވިއޭޝަން އިމްތިހާނު ހަދަން ޚާއްޞަ އިމްތިހާނު ހޯލެއް

އޭވިއޭޝަން ކިޔަވާ ދަރިވަރުން އިމްތިހާނު ހެދުމަށް ހެދި އާ ހޯލު-- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

އޭވިއޭޝަން ކިޔަވާ ދަރިވަރުންނަށް އެ ދަރިވަރުންގެ އިމްތިހާނު ހެދުމަށް ވަކިން ޚާއްޞަ އިމްތިހާނު ހޯލެއް ގާއިމުކޮށްފިއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭވިއޭޝަން ކިޔަވަމުންދާ ދަރިވަރުންގެ ޝަކުވާތަކަށް ހައްލެއް ހޯދައި، އެކުދިންނަށް ޚާއްޞަ އިމްތިހާނު ހޯލެއް މިހާރު ގާއިމު ކުރެވިފައިވާ ކަމަށެވެ.

އަދި މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި އެކަމާމެދު އުފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އިންތިޒާމު ހަމަަޖައްސައިދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭވިއޭޝަން ދަރިވަރުންނަށް މީގެ ކުރިން ދެއްވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ޓްރަންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޯލް ހުންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ތިން ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ކަމަށެވެ.

އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން އަލަށް ހެދި އިމްތިހާނު ހޯލުގައި އިމްތިހާނު ސެޝަންތައް ގަވާއިދުން ބާއްވަން ފަށާނީ މި އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް