އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމަށް، އޭޕްރީލް މަހު ފޯރަމެއް ބާއްވަނީ

އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމަށް، އަންނަ އޭޕްރީލް މަހު ފޯރަމެއް ބާއްވަން ވަނީ ނިންމާފަ: އެ ފޯރަމް އިންތިޒާމު ކުރަނީ މީޑިއަމް އިވެންޓްސްއިން -- ފޮޓޯ/ މީޑިއަމް އިވެންޓްސް

ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެ ދާއިރާގެ ސްޓޭކްހޯލްޑަރުން ހިމެނޭ ފޯރަމެއް އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމައިފިއެވެ.

އެ ފޯރަމް އިންތިޒާމުކުރަނީ މޯލްޑިވްސް މެރިން އެކްސްޕޯ ފަދަ ހަރަކާތްތައް އިންތިޒާމުކޮށްފައިވާ މީޑިއަމް އިވެންޓްސްއިންނެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އޭވިއޭޝަން ފޯރަމް ބާއްވާނީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ.

އެ ފޯރަމުގައި ރާއްޖޭގެ އޭވިއޭޝަން ކުރިއަރުވައި، އެ ސިނާއަތް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ސްޓޭކްހޯލްޑަރުންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އިވެންޓްސް މޯލްޑިވްސްއިން ބުންޏެވެ.

އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ، އޭވިއޭޝަން ދާއިރާގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ފަރާތްތަކަށް، އޮޕަރޭޝަނަލް ގޮތުންނާއި ސިޔާސަތުގެ ގޮތުންނާއި ރައްކާތެރިމާއި ވަސީލަތްތަކުގެ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ އޭވިއޭޝަންއާ ގުޅޭ ގޮތުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން(އައިއޭޓީއޭ) އިން ހަދާފައިވާ ދިރާސާއަކާ ހަވާލާދީ މީޑިއަމް އިވެންޓްސްއިން ބުނި ގޮތުގައި، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ 154 އިންސައްތަ ކުރިއަރާނެއެވެ.

އޭގެ ސަބަބުން 2038 ވަނަ އަހަރުގެ ނިޔަލަށް އިތުރު 4.7 މިލިއަން ފަސިންޖަރުން ފުރާނެ ކަމަށްވެސް އެ ދިރާސާއިން ދައްކައެވެ. މީގެ ސަބަބުން 92،000 ވަޒީފާ އުފެދި، ރާއްޖޭގެ ޖީޑީޕީއަށް އަށް ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ދިރާސާއިން ދައްކާ ކަމަށް މީޑިއަމް އިވެންޓްސްއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ ފޯރަމް ވާނީ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނޭ ފޯރަމަކަށް ކަމަށެވެ. އަދި، އޭވިއޭޝަން އިންޑަސްޓްރީ ބައްޓަން ކުރުމުގައި މި ފޯރަމް ވާނީ މުހިންމު ތަނބަކަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރަށް މީޑިއަމް އިވެންޓްސްއިން ވަނީ، އޭވިއޭޝަން އިންޑަސްޓްރީގެ މުހިންމު ސްޓޭކްހޯލްޑަރެއް ކަމަށްވާ އެއާލައިން އޮޕަރޭޝަންކޮމިޓީ (އޭއޯސީ)ން އެ ފޯރަމް އެންޑޯސް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް