ޕައިލެޓު ސްކޮލާޝިޕުތައް މާ ގިނަ، ގައުމީ މައްސަލައަކަށް ވެދާނެ: މިނިސްޓަރު

ޕައިލެޓުން މަސައްކަތުގައި: މިދިޔަ ސަރުކާރުގައި ޕައިލެޓް ސްކޮލާޝިޕްތައް ދީފައި ހުރީ ވަޒީފާ ހުރި ވަރަށް ނުބަލައި، ގައުމީ މައްސަލައަކަށް ވެދާނެ ކަމަށް ސިވިލް އޭވިއޭޝަން މިިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ

ޕައިލެޓުކަން ކިޔަވަން ކުރީ ސަރުކާރުން ސްކޮލާޝިޕްތައް ދީފައިހުރީ ރާއްޖޭގައި އެ ދާއިރާއިން ވަޒީފާ ލިބެން ހުރި މިންވަރަށް ނުބަލައި ކަމަށާއި އެއީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައުމީ ބޮޑު މައްސަލައަކަށް ވެދާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅު ގިނަ ދާއިރާތަކަކުން ސްކޮލާޝިޕް ސްކީމަށް ހުޅުވާލައިރު ޕައިލެޓް ޓްރެއިނިންއަށް 400 ފުރުސަތެއް ދިން ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ކުރިން ހުންނެވި އަމީން ވިދާޅުވީ، ގައުމެއްގެ ނިސްބަތުން ސްކޮލާޝިޕް ސްކީމްތަކަށް ހުޅުވާލަން ވާނީ އެގައުމަކަށް ބޭނުންވާ ނޫނީ އެ ދާއިރާއަކުން ކިޔަވައިގެން އަންނަ ކުދިންނަށް ފުރުސަތުތަކެއް ވެސް އޮންނާނެ ގޮތަކަށް ބައްޓަންކޮށްގެން ކަމަށެވެ.

ކުރީ ސަރުކާރުން އެގޮތަށް ނުވިސްނައި، ޕައިލެޓް ޓްރެއިނިން ސްކޮލާޝިޕްތަކަށް ހުޅުވައިލީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، އޭނާއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސްކޮލާޝިޕްތަކަށް ހުޅުވާލިއިރު ވެސް އަލަށް ތަމްރީނު ހެދި 65 ކެޑޭޓް ޕައިލެެޓުން ވަޒީފާ ނުލިބިފައި ތިބި ކަމަށް އަމީން ވިދާޅުވިއެވެ.

ހަމައެއާއެކު، އިތުރު 200 ކުދިން މިހާރު ވެސް ބޭރުގައި ޕައިލެޓުކަން ކިޔަވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދެން ބަލައިލަން ޖެހެނީ އަޅުގަނޑުމެން ޕައިލެޓް ކެޑޭޓުން ނުވަތަ އެންމެ ބޭސިކް އެންޓްރީ މި ޕްރޮގްރާމް ހަދައިގެން އަންނަ ކުދިންނަށް ރާއްޖޭގައި ހުރި މިންގަނޑުން ބަލާއިރު ކިހާވަރަކަށްތޯ ވަޒީފާ ދެވެނީ. އެއްވެސް އެއާލައިނަކަށް ހުރިހާ ކޭޑޭޓް ޕައިލެޓުން ލައިގެނެއް އެއާލައިނެއް ނުހިންގޭނެ،" އަމީން ވިދާޅުވިއެވެ.

މިވަގުތު ކެޑޭޓް ޕައިލެޓުންނަށް ވަޒީފާ ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނާއި ޓީއެމްއޭއިން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ދެ އެއާލައިންގެ ތަފާސްހިސާބަށް ބަލާއިރު އެވަރެޖުކޮށް ދެވެން ހުރި ވަޒީފާގެ އަދަދު 30އަށް ވުރެ މައްޗައް ނާރާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: އޭނާ ވަނީ ޕައިލެޓު ސްކޮލާޝިޕްތައް މާ ގިނަ ކަމަށް ވިދާޅުވެފައި --

"ދެވަނައަށް އެންމެ މިހިންމު އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލައިލަން ޖެހެނީ ޕައިލެޓް ޓްރެއިނިންގެ ސްކޮލާޝިޕަށް ހުޅުވާލީމަ މިގޮތަށް މިދަނީ ކޮން ބަޔެއްތޯ. އެންމެ ކްރީމް، ރާއްޖޭގައި އުފެދޭ އޭލެވެލްގެ އެންމެ ރަނގަޅު ކުދިން އެޕްލައިކޮށްގެން މިދަނީ،" އަމީން ވިދާޅުވިއެވެ.

"އެހެންވީމަ ހިއުމަން ރިސޯސަސް ކޮންސެޕްޓުން ބެލިޔަސް މިއީ ވަރަށް ދެރަކަމެއް، އެ މީހުން އައިސް އެމީހުންނަށް ވަޒީފާއެއް ނުލިބިއްޖެއްޔާ."

އޭގެ ގެއްލުން މުސްތަގުބަލުގައި ވަރަށް ބޮޑުވާނެ ކަމަށް ތަކުރާރު ކުރައްވައި އޭނާ ވިދާޅުވީ މިފަދަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ނޭނގި އޮވެދާނެ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ މައުލޫމާތު އެ މީހުންނަށް ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަކަން އަމީން ފާހަގަކުރެއްވިއެވެ.

"ހުރިހާ ކުދިން އަދި ފުރައިގެން ދިޔައީކީ ވެސް ނޫން، އެހެންވީމަ މި އެގްޒިސްޓިން އިޝޫ އެކުދިންގެ ޕޭރެންޓުންނަށް ވެސް ނޫނީއްޔާ ސްކޮލާޝިޕް ލިބިފައި ތިބި ކުދިންނަށް ވެސް ކިޔައިދީފަ އެބޭފުޅުންގެ މި ފީލްޑް ބަދަލުކުރަން ބޭނުން ނަމަ އަޅުގަނޑު ހަމަ ޕާސަނަލް ސަޖެސްޝަނެއް މި އަރުވަނީ،" އޭނާ ވިދާޅުވިއެވެ.

އެ ދަރިވަރުން ބޭނުން ނަމަ، ކިޔަވާ ދާއިރާ ބަދަލުކުރުމުގެ ފުރުސަތު އޮތުން މުހިންމު ކަމަށް ދެކޭ ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް ސްކޮލާޝިޕް ކެންސަލް ކުރުމުގެ ނުވަތަ ޕައިލެޓް ސްކޮލާޝިޕް ދިނުން ހުއްޓާލުމުން ވިސްނުން ސަރުކާރުން ނުގެންގުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް