ކޮމަންވެލްތުން ވެސް ބުނަނީ އިންތިޚާބުގެ މަރުހަލާތައް ފުރިހަމަކަމަށް

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ވަޑައިގެން ކޮމަންވެލްތުގެ އޮބްޒާވަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ މަރުހަލާތައް ރާއްޖޭގައި ކުރިއަށް ދިޔައީ އަމާންކަމާ އެކު ކަމަށާއި މާ ބޮޑު މައްސަލަތަކެއް ފާހަގަކުރެވިފައިނުވާ ކަމަށް އިންތިޚާބު އޮބްޒާވްކުރަން ރާއްޖެ އައި ކޮމަންވެލްތުގެ އޮބްޒާވަރުން ބުނެފިއެވެ.

މިއަދު ކޮމަންވެލްތުގެ އޮބްޒާވަރުންގެ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފައުރް ވިދާޅުވީ ޖުމްލަ ގޮތެއްގައި ރިޔާސީ އިންތިޚާބުގެ ކުރިން އޮތް ކެމްޕޭން މަރުހަލާއާއި އިންތިޚާބުގެ ވޯޓުލުމާއި، ނަތީޖާތައް ގެނެސްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށެވެ.

އެ ގްރޫޕުން ނެރުނު ޕްރެލިމިނަރީ ސްޓޭޓްމަންޓް ހިއްސާކުރައްވަމުން ޑެނީ ފައުރް ވިދާޅުވީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މަސްރަހު އޮތް ގޮތް ދެނެގަތުމަށްޓަކައި އޮބްޒާވަރުންގެ ގްރޫޕުތަކުގެ އެކި މެންބަރުން އެކި އަތޮޅުތަަކަށް ދަތުރު ކުރި ކަމަށެވެ. އޭގެ ތެރޭގައި ގދ، ޅ، ދ، ހދ، އައްޑޫ ސިޓީ އަދި، ލ. އަތޮޅު ހިމެނެއެވެ.

ފައުރް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ކުރިން ވެސް މަސްރަހު އޮތީ ވަރަށް އަމާންކަމާ އެކު ކަމަށެވެ. އެގޮތުން ސުލްހަވެރި މާހައުލެއްގައި އެކި ޚިޔާލުތައް ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ބައެއް ކެމްޕޭންތަކުގެ އޮބްޒަވޭޝަންތަކުން ފާހަގަވި ގޮތުގައި މާލެ އާއި އަތޮޅު ތެރެއިން ވެސް ފެނުނީ ވަރަށް އަމާންކަމާ އެކު އެކި ޚިޔާލުތަކަށް ޖާގަދީގެން ކުރިއަށް ދިޔަ ތަން. ވަރަށް ބޮޑަށް ކެންޑީޑޭޓުންގެ އަސާސީ ހައްގުތަކާއި ސިޔާސީ ޕާޓީތަކާއި، ސަޕޯޓަރުންގެ ހަރަކާތްތައް އޮބްޒާވްކޮށްފައިވާނެ،" ޕްރެލިމިނަރީ ސްޓޭޓްމަންޓްގައި ވެއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ވަޑައިގެންނެވި ކޮމަންވެލްތުގެ އޮބްޒާވަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ނަމަވެސް ކެމްޕޭން މުއްދަތުގައި ބައެއް ޝަކުވާތައް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ވޯޓް ގަތުމާއި، ދައުލަތުގެ ވަސީލަތްތައް ނަހަަމަ ގޮތުގައި ބޭނުންކުރުމުގެ ޝަކުވާގެ އިތުުރުން ކެމްޕޭން ފައިނޭންސިންއަށް އެކަށީގެންވާ ރެގިއުލޭޓަރީ ފްރޭމްވޯކެއް ނެތުމުގެ ޝަކުވާ ފާހަގަކުރެވުނު ކަމަށް ބަޔާންކޮށްފައިވެއެވެ.

ޖުމްލަކޮށް ވޯޓުލީ ދުވަހުގެ ކަންކަން ވެސް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް ކޮމަންވެލްތު އޮބްޒާވަރުންގެ ގްރޫޕުން ބުންޏެވެ. އެގޮތުން ވޯޓުލާން ފެށުމާއި އުސޫލުތައް ތަންފީޒުކުރުމާއި މަރުކަޒުތަކުގެ އޮފިޝަލުންގެ ފަރާތުން ޕްރޮފެޝަނަލް މިންގަނޑުތައް ހިފަަހައްޓައިފައިވާ ކަމަށް އެ އެސެސްމަންޓުގައިވެއެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުންގެ ގްރޫޕުން ރިޔާސީ އިންތިޚާބުގެ މަރުހަލާތަކާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅާނެއެެވެ. އޭގެ ފަހުން ދިވެހި ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކާ ހިއްސާކުރާނެއެވެ. އަދި، ރައްޔިތުންނަށް ފެންނާނެހެން އާންމު ކުރާނެއެވެ.

ކޮމަންވެލްތުގެ އެކި ރީޖަންތަކުން 11 މީހުންގެ މައްޗަށް އެކުލެވޭ އޮބްޒާވަރުންގެ ގްރޫޕު ރާއްޖެ އައީ މި މަހުގެ ދެވަނަ ދުވަހެވެ. އެ ގްރޫޕު ރާއްޖެއިން ފުރާނީ 15ވަނަ ދުވަހެވެ.

comment ކޮމެންޓް