ކޮމަންވެލްތު ލީޑާސް އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު ލީޑަރުން ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އާއެކު / ފޮޓޯ: ކޮމަން ވެލްތު

ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ބޭއްވި ކޮމަންވެލްތު ލީޑާސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ.

މި އިވެންޓަކީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި، ކޮމަންވެލްތުގެ އިޔާ އޮފް ޔޫތު އާއި، ކޮމަންވެލްތު އިޔާ އޮފް ޕީސް އަދި ވަކީން ޚާއްސަކޮށް ކޮމަންވެލްތުގެ އާ ވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާސަބުވާ ގޮތަށް ބާއްވާ އިވެންޓެކެވެ.

ކޮމަންވެލްތުގެ ލީޑަރުން ވަނީ ހިޒް މެޖިސްޓީ ޗާލްސް ތިންވަނަ އިނގިރޭސި ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އެ މަނިކުފާނާ ބައްދަލުވެވަޑައިގެން މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ، މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭ ގޮތުންނާއި ކޮމަންވެލްތުގެ މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކާ ބެހޭގޮތުންނެވެ. އިވެންޓަށް ފަހު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްޞީލުކުރައްވާ މަންދޫބުން ވަނީ ހިޒް މެޖިސްޓީ ޗާލްސް ތިންވަނައާ އެކު ރަސްމީފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި އިވެންޓު ބާއްވާފައިވަނީ ވެސްޓްމިންސްޓަ އެބީގައި މާދަމާ ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ، ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

comment ކޮމެންޓް