ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާތަކާބެހޭ ބޯޑުން އޭޝިޔާ ތަމްސީލުކުރަން ސަފާތު

ސަފާތު އަހުމަދު ޒާހިރު -- ފޮޓޯ/ ކިއުވައިއެލް

ކޮމަންވެލްތު ފައުންޑޭޝަނުން އެކުލަވައިލާ މަދަނީ ޖަމިއްޔާތަކާބެހޭ ޚާއްޞަ ބޯޑުން އޭޝިޔާ ތަމްސީލުކޮށްދޭ ގަވަރުނަރުގެ ގޮތުގައި, ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ބާނީ ސާފަތު އަޙުމަދު ޒާހިރު އައްޔަން ކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލި ފުރުސަތުގެ ދަށުން ކޮމެންވެލްތުގެ ފަސް ސަރަހައްދު ކަމުގައިވާ އެފްރިކާ, އޭޝިޔާ, ކެރޭބިޔަން އެންޑް އެމެރިކާސް, ޕެސިފިކް އަދި ޔޫރަޕަށް ގަވަރުނަރުން އައްޔަން ކުރަން ހަމަޖެހުނެވެ.

އޭޝިޔާއިން ކުރިމަތިލި 600 އެއްހާ މީހުންގެ ތެރެއިން މިސަރަހައްދުން މި މަގާމަށް ހޮވިފައިވަނީ ސަފާތުއެވެ.

ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާތަކާ ބެހޭ ޚާއްޞަ ބޯޑުގައި އޭޝިޔާ ބައްރު ތަމްސީލުކޮށްދޭ ގަވަރުނަރުގެ ހައިސިއްޔަތުން ކޮމަންވެލްތް ފައުންޑޭޝަންގެ ޑިރެކްޓާ ޖެނެރަލްއާއި ގާތުން މަސައަކަތް ކުރުމުގެ ފުރުސަތު ލިބެއެވެ. އަދި، ކޮންޓެންޓު އެޑްވައިޒަރީ ކޮމިޓީ ފޯ ކޮމަންވެލްތް ޕީޕަލް އަދި ކޮންމެ އަހަރަކު ބާއްވާ ބޯޑް އޮފް ގަވަނާސް ބައްދަލުވުންތަކާއި އަދިވެސް އެހެނިހެން އެގްޒެކެޓިވް ކޮމިޓީތަކުގެ ބައްދަލަވުންތަކުގައި އޭޝިޔާ ތަމްސީލުކުރުމުގެ ފުރުސަތު ލިބެއެވެ.

ސަފާތު ވިދާޅުވީ، އޭނާގެ އުންމީދަކީ މިފަދަ މުހިންމު މަގާމެއްގައި ހުރެ ކޮމަންވެލްތުގެ ލަނޑުދަނޑިތައް ކަމުގައިވާ މިންތީގެ ހަމަހަމަކަން, ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ހިފެހެންޓުން ފަދަ ކަންކަން ހާސިލްވާނޭ ފަދައިން އޭޝިޔާ ސަރަހައްދުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން އެފަރާތްތަކުގެ އަޑުއުފުލައިދީ މުސްތަގުބަލުގައި ލިބޭ ފުރުސަތުތައް ފަހިކޮށްދީ އޭޝިޔާ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އޭނާގެ އަޒުމް ކަމަށް ސަފާތު ވިދާޅުވިއެވެ.

ސަފާތުއަކީ މިވަގުތު ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓެވެ.

comment ކޮމެންޓް