ނާކާމިޔާބުކޮށްލި ބޮޑު ޓެރަރިސްޓް ހަމަލާ: އެންމެން ދޫކޮށްލައި އެކެއްގެ މައްޗަށް ދައުވާ އުފުލައިފި

ރާއްޖޭގައި ދޭންއުޅުނު ޓެރަރިސްޓް އެންމެ ބޮޑު ހަމަލާއާ ގުޅިގެން ހައްޔަރުކުރި އެންމެން ވަނީ ދޫކޮށްލާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގިނަ ބައެއްގެ ފުރާނަ ދުއްވާލުމަށް ދޭން އުޅުނު ކަމަށް ތުހުމަތުކުރި ޓެރެރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި 14 މީހުން ދޫކޮށްލާފައިވާއިރު އޭގެ ތެރެއިން އެކެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އައްޑޫ ސިޓީގެ އިތުރުން މާލެއާއި ކ. ގުރައިދޫގައި މިދިޔަ ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކުރިއެވެ. އަދި އެއީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ, މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ.

މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވި ނަމަވެސް ދައުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ދެން ތިބި މީހުންގެ މައްޗަށް ދައުވާ އުފުލާފައި ނުވަނީ ޝަރީއަތަށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުންނެވެ.

ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ފަދައިން, ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އާ ހެކި ލިބިއްޖެ ނަމަ މައްސަލަ އަލުން ތަހުގީގު ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (މ) ގައި ބުނެފައިވަނީ ތަހުގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވިނަމަވެސް, އެމީހަކާމެދު ތުހުމަތުކުރާ މައްސަލައިގައި އާ ހެކި ލިބިއްޖެނަމަ މައްސަލަ އަލުން ތަހުގީގުކުރުމަށްފަހު ކުށުގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލިދާނެ ކަމަށެވެ.

ގިނަ ބައެއްގެ ފުރުާނަ ދުއްވާލަން ރާވަމުންދިޔަ އެ ހަމަލާއާ ގުޅިގެން ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ މާއްދާތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ހަމަލާއާ ގުޅޭ މާ ބޮޑު ތަފްސީލްތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އެއްވެސް މީހެއްގެ ވަނަވަރެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް