ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ފުލުހަށް

ޝަހީދު ހުސައިން އާދަމް ބިލްޑިން --

ރާއްޖެ ޓީވީގެ ދުވަސް ދުއްވައިލާނެ ކަމަށާއި، އެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ރާއްޖެ ޓީވީގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއުއަށް އިއްޔެވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ޓީވީއަށް ދިން އިންޒާރަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭތީ، އެ ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދޭ ކަމަށެވެ. އަދި ރާއްޖެ ޓީވީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެއެވެ.

އެ ސިޓީގައިވަނީ މީގެ 11 އަހަރު ކުރިން ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާގައި، އެ ޓީވީއަށާއި ސްޓޭޝަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ގެއްލުންތަކަށް ވެސް އިންސާފު ލިބިފައިނުވާކަމަށެވެ. އަދި އެ ދުވަހު ރާއްޖެ ޓީވީ ރޯކޮށްލުމުގެ ކުރިން އެ ފަދަ ކަމެއް މެދުވެރިވާނޭ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމުން، އެ ޓީވީގެ ފަރާތުން ފުލުހަށް އެކަން ލިޔުމުން އެންގި ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި އެ ކަމުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު އެޅިނަމަ، އެ ވަރުގެ ބޮޑު ގެއްލުމެއް އެ ޓީވީއަށް ލިބުމަކީ ނާދިރު ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖެ ޓީވީގައި ހުޅުޖެހީ އޮކްޓޫބަރު 7، 2013ގައެވެ. މޫނު ނިވައިކޮށްގެން ތިބި ބަޔަކު ރާއްޖެ ޓީވީގެ އިމާރާތަށް ވަދެ، ޕެޓްރޯލް އަޅައި ރޯކޮށްލުމުގެ ސަބަބުން އެ ޓީވީ ސްޓޭޝަނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނުކަން އެ ޓީވީގެ ފަރާތުން ވަނީ ބުނެފައެވެ.

އެ ހާދިސާގައި ރާއްޖެ ޓީވީގެ އިމާރާތަށް 1.3 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު، ތަކެއްޗަށް އެކަނި ވެސް 10.3 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެ ޓީވީން ބުނެއެވެ.

މި މައްސަލައިގައި ބަދަލު ނަގައިދިނުމަށް އެދި ރާއްޖެ ޓީވީގެ ފަރާތުން ސިވިލް ކޯޓަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް، މިހާތަނަށް ބަދަލު ލިބިފައެއް ނެތެވެ.

comment ކޮމެންޓް