ހުމާމް މަރަން ކުރި ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

19 ޖޫން 2016: ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް މާލެ ގެނައުމަށްފަހު ހުމާމް ގެންދަނީ: އޭނާ މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި ރިވިއު ކުރުމަށް ވަނީ ހުށަހަޅާފައި --- ސަން ފޮޓޯ/ފަޔާޒު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކޯޓުގެ ތިން މަރުހަލާއިން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޑރ. އަފްރާޝީމް އަލީ އަވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.

ހުމާމު މެރުމަށް ކުރި ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކޮށްދިނުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެެދިފައިވަނީ މިދިޔަ މަހުއެވެ. ނަމަވެސް އެ މައްސަލަ ބަލައި ގަތުމާ ގުޅޭ ގޮތުން އަދި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތައް ރިވިއު ކުރެވޭނެ އުސޫލެއް އެ ކޯޓުން ވަނީ މީގެ ކުރިން ގާއިމްކޮށްފައެވެ. އެގޮތުން ކުރިން ކޮށްފައިހުރި ބައެއް ހުކުމްތައް މި ފަހުން ސުޕްރީމް ކޯޓުން ރިވިއުކޮށް ބަދަލު ގެނެސްފައި ވެސް ވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.

comment ކޮމެންޓް