ނިއުޕޯޓު ހިންގި ބިން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި

ނިއުޕޯޓު ވިއު --

ބުރިޖުވިއު ޕްލެޓްފޯމްގައި ހިންގި ނިއުޕޯޓު ވިއު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފިއެވެ.

ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކުރަން ދީފައިވަނީ ސެޕްޓެމްބަރު 22، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓްރީއާ، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

އޭގެ ފަހުން، މާޗު ހަތެއް، 2019 ގައި އޭރުގެ ޕްލޭނިން މިނިސްޓްރީން ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ބިން ހުސްކޮށް، ހަވާލުކުރަން އަންގައިފައެވެ. އެކަމަކު، ސްޓްރާޑާ ކުންފުނިން އެ އެންގުމަށް އަމަލުކޮށްފައެއް ނުވެއެވެ.

ބްރިޖު ވިއުއިންގް ޕްލެޓްފޯމު އެޅުމުގެ މަސައްކަތް ސްޓްރާޑާއާ ހަވާލު ކުރަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އެކަމާ ގުޅިގެން ދައުލަތުން ދައުވާކުރި މައްސަލަ ބެލުމަށްފަހު ފެބްރުއަރީ 27، 2019 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ އެއްބަސްވުން ބާތިލުކުރި ތާރީޚަށް ފަހު އެ ބިން ބޭނުންކުރުމުގެ ހައްގު ސްޓްރާޑާއަށް ލިބިގެންނުވާ ކަމަށެވެ. އެއްބަސްވުން ބާތިލުކުރި ތާރީޚަށް ފަހު އެ ބިން ސްޓްރާޑާއިން ބޭނުންކޮށްފައިވާތީ، ދައުލަތާ ބިން ހަވާލުކުރެވޭ ދުވަހާ ހަމައަށް އިތުރަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

އެ މައްސަލަ ސްޓްރާޑާ ކުންފުނީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އޮކްޓޫބަރު 12، 2021 ގައި ހައިކޯޓުން ވެސް ހުކުމްކުރީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.

އެހެންވެ، އެ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް މިއަދު ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތުމުން އެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ބިމުން ބައެއް ނެގި މައްސަލައިގައި އެ ކުންފުންޏަށް ބަދަލު ދޭންޖެހޭ ހަމައެއް ވެސް ދެއްކިފައިނުވާ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

"އިސްތިއުނާފުކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ގަޒިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެން،" ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އެ ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ، ފަނޑިޔާރު އައިޝާ ޝުޖޫން، އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

comment ކޮމެންޓް