ސުޕްރީމް ކޯޓުން ހަސަންގެ ކެންޑިޑެސީ ބާތިލުކޮށްފި

މަޖިލީހަށް ވާދަކުރާ ހަސަން ޝިޔާމް: އޭނާގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މާވީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަލީ އާޒިމްގެ ކޮއްކޮއެއް ކަމަށްވާ ހ. ކްއީން، އިލްޔާސް އަހުމަދެވެ. އޭނާ ވަނީ ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާ ކަމަށް ބުނެ، ހަސަންގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.

ކްރިސްޓަލް ލެގޫން ރިސޯޓަށް 2006 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން 10 މިލިއަން ޑޮލަރާއި 2008 ވަނަ އަހަރު ދޫކުރި 64 މިލިއަން ރުފިޔާގެ ލޯނުގެ މުއްދަތު ހަމަވިއިރު އެ ލޯނު ދައްކާފައިނުވެއެވެ. އެ ލޯނަށް ގެރެންޓީ ދިން 11 މީހުންގެ ތެރޭގައި ހަސަން ޝިޔާމް ވެސް ހިމެނެއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުން، އެ ދަރަނި ދައްކައި ހަލާސްކުރަން ހުކުމްކޮށްފައެވެ.

އެކަމަކު، އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައެއް ނުވެއެވެ.

އެހެންވެ، ހުކުމް ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ކޯޓުން ވަނީ ރަހުނުކުރި ދެ ރިސޯޓެއް ވިއްކާލުމުގެ ހުއްދައެއް ވެސް ދީފައެވެ.

ދެ ރިސޯޓު ވިއްކާލުމުން ލޯނަށް ގެރެންޓީ ދިން މީހުން އިތުރަށް އަދާކުރަންޖެހޭ ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދޭން ހަސަން ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ. އެ މައްސަލައިގައި ހައިކޯޓުން ވެސް މިދިޔަ މަހު 13 ގައި ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނީ، "ރަހުނު ވިއްކައިގެން ދަރަނި އަދާކުރެވޭތޯ ބެލުމެއް ނެތި، ގެރެންޓަރުންގެ މައްޗަށް ހުކުމްތަންފީޒުކުރުން ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދުގެ 161 ވަނަ މާއްދާގެ ދަށުން އެ ހިނދަށް މަނާވެފައިވެފައި ވިޔަސް، އެ ހިނދުގައި ވެސް ގެރެންޓަރުންގެ މައްޗަށް ދަރަންޏެއް ސާބިތުވެ އޮތް ކަމަށް ބަލަން ޖެހޭނެއެވެ. ނަމަވެސް، އެ ހާލަތުގައި ގެރެންޓަރުންނަކީ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ ބައެއްގެ ގޮތުގައި ނުބެލެވޭނެއެވެ،"

މިދިޔަ މަޖިލީސް އިންތިޚާބުގައި ވެސް ހަސަންގެ މި ދަރަނީގެ މައްސަލަ ބޮޑުވިއެވެ.

އެކަމަކު، އޭރު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ހަސަނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.

comment ކޮމެންޓް