ނެޓްބޯލް ޗެމްޕިއަންޝިޕް: ދެވަނަ ބުރުގެ ފުރަތަމަ މެޗުން ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނެޓްބޯލް ސިންގަޕޯ

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް 2022ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އެ މެޗުގެ ފުރަތަމަ ދެ ކުއާޓަރުގައި ފިލިޕީންސްއިން ވަނީ 12 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ފިލިޕީންސް ޓީމުން 27 ޕޮއިންޓު ކާމިޔާބުކުރިއިރު ރާއްޖެއަށް ކާމިޔާބުކުރެވުނީ 15 ޕޮއިންޓެވެ.

މެޗުގެ ހަތަރު ކުއާޓާގެ ކުޅުން ނިމުނުއިރު ރާއްޖެއަށް 41 ޕޮއިންޓު ލިބުނުއިރު ފިލިޕީންސްއަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ދެވަނަ ބުރަށް ދަތުރުކުރީ އެ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ޖަޕާނާ ވާދަކޮށް 56-21ގެ ތަފާތު ބޮޑު ތަފާތަކުން ރާއްޖެ މޮޅުވެގެންނެވެ. އެ މޮޅާއެކު އިންޑޯ އޭޝިއަން ގޭމްސްއަށް ރާއްޖެ ވަނީ ކޮލިފައިވެފައެވެ.

ދެވެނަ ބުރުގައި ރާއްޖެ ލައްވާލައިފައިވަނީ ފިލިޕީންސްއާއި، ބުރުނާއީއާއި، ތައިލެންޑާއެކު ގްރޫޕް އެފްގައެވެ. އެ ގްރޫޕްގެ އެންމެ މޮޅު ދެ ޓީމު މުބާރާތުގެ ޕްލޭއޮފް ބުރަށް ދަތުރުކުރާނެއެވެ.

ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސިންގަޕޫރު އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 96-10ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިއަހަރު ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި 11 ޓީމަކުން ބައިވެރިވެއެވެ. އެ މުބާރާތް ކުރިއަށް ދަނީ މި މަހުގެ ތިން ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް