ޖަޕާން މެޗުގެ ނަތީޖާއަކީ މުބާރާތުގައި ކުރިއަށްދިއުމަށް ލިބުނު އުއްމީދެއް

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިނާއި އޮފިޝަލުން --- ފޮޓޯ/ ނެޓްބޯޅަ އެސޯސިއޭޝަން

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅުނުމެޗުގެ ނަތީޖާއަކީ މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށް ދިވެހި ކުޅުންތެރިންނަށް ލިބުނު ވަރަށްބޮޑު ހިއްވަރެއްކަމަށް ގައުމީ އަންހެން ނެޓްބޯޅަ ކޯޗް ނީޝާ ހަލީމް ބުނެފިއެވެ.

ޖަޕާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސިންގަޕޫރުގައި ހުރެ "ސަން"އާ ވާހަކަދައްކަމުން ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗު ނީޝާ ބުނީ، ދިވެހި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާކަމަށެވެ. ޖަޕާނުއަތުން ތަފާތުބޮޑު ނަތީޖާއަކުން މޮޅުވުމުގައި ޓީމެއްގެ ގޮތުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުން ކޯޗު ފާހަގަކުރިއެވެ.

"މުބާރާތުގައި މިހާތަނަށް ހުރިހާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދެވުނުއިރު، މިމެޗުގެ ނަތީޖާއަކީ މުބާރާތުގައި ކުރިއަށްހުރި މެޗްތަކުގައި ކުރިއަށްދިއުމަށް ލިބުނު ވަރަށްބޮޑު ހިއްވަރެއް މިއަދުގެ މެޗްގެ ނަތީޖާ އަޅުގަނޑުމެނަށް ވަރަށް މުހިއްމު. ކުރިން ރޭންކިންގެ ދިހަވަނައިގައި އޮތްނަމަވެސް މިހާރު މިވަނީ އަށްވަނައަށް ޖެހިލާފަ،" ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗު ނީޝާ ބުންޏެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ރާއްޖެ ކާމިޔާބުކޮށް ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމް ވަނީ އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވެފައެވެ.

މިފަހަރުގެ މުބާރާތަށް ފުރިއިރު ވެސް ގައުމީ ނެޓްބޯޅަ ޓީމްގެ އެންމެބޮޑު އެއް އަމާޒަކަށް ވެފައިއޮތީ، ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި އޭޝިއަން އިންޑޯ ގޭމްސްއިން ޖާގައެއް ހޯދުމެވެ. އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅުނުމެޗު ދިވެހިރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 21 ޕޮއިންޓް 56 ޕޮއިންޓުންނެވެ.

މެޗްގައި ދިވެހި ޓީމްގެ ހަމްނާ އަބްދުއްރަހުމާން އަދި މަރިޔަމް ޝިނާއަތު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޖަޕާނާ ދެކޮޅަށް ރާއްޖެ ކުޅެފައިވަނީ އަނިޔާގެ ސަބަބުން ރާއްޖޭ ޓީމުގެ އިތުބާރު ޑިފެންޑަރު މަރިޔަމް ރަނާ ނުލައެވެ.

މެޗަށްފަހު ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތަކުގެ ކުޅުން ނިންމާލިއިރު، މި ގްރޫޕްގެ އެއްވަނަ ހޯދީ ސިންގަޕޫރެވެ. ދެވަނައިގައި ރާއްޖެ އުޅޭއިރު، ތިންވަނައިގައި އޮތް ޖަޕާނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޖަޕާނު މެޗަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ރާއްޖޭގެ ޓީމް ދަތުރުކުރީ، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގައި ހިމެނޭ އިތުރު ޓީމްތަކަކީ، ފިލިޕީންސް، ބުރުނާއީ އަދި ތައިލެންޑެވެ.

މި މުބާރާތުގައި މާދަމާ ރާއްޖެ ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު