އެއާ އިންޑިއާ ގަންނަން ކުރިމަތިލީ ފަރާތްތަކުން ޝޯޓް ލިސްޓުވީ ޓާޓާ އާއި ސްޕައިސް ޖެޓް

އެއާ އިންޑިއާގެ ފްލައިޓެއް ވީއައިއޭ އަށް ޖައްސަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޮޑު ގެއްލުމެއްގައި ހިންގަމުންދާ އެއާ އިންޑިއާ ވިއްކާލަން އިއުލާނުކޮށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏެއް ޝޯޓްލިސްޓު ކޮށްފިއެވެ.

އެއާ އިންޑިއާ ވިއްކާލަން ޝޯޓްލިސްޓު ކޮށްފައިވަނީ މަޝްހޫރު ވިޔަފާރި ގްރޫޕް ޓާޓާ އާއި ސްޕައިސް ޖެޓްގެ އެމްޑީ އަޖޭ ސިންގް އެވެ.

މި ދެ ޕާޓީ އަށްވެސް އެއާ އިންޑިއާގެ މާލީ ހާލަތާއި، ކުންފުނި ވިއްކާލުމާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާ ކުރުމަށްފަހު ފައިނަލް ބިޑު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ.

އިންޑިއާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާގޮތުން އެއާ އިންޑިއާ އަށް ފައިނަލް ބިޑު ހުށަހަޅައި އެކަމުގައި ކުރިއަށް ދިޔުމަށް އިތުރު ދެ މަސް ނުވަތަ ތިން މަސް ނަގާނެ އެވެ. އިންޑިއާ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތިންވަނަ ކުއާޓަރު ތެރޭ އެއާ އިންޑިއާ ވިއްކާލުމުގެ ފައިނަލް މަރުހަލާ ކުރިއަށް ގެންދިޔުން ކަމަސްވެސް ރިޕޯޓުކޮށްފަައި ވެއެވެ.

އެއާ އިންޑިއާ ވިއްކާލަން ނިންމައި ބިޑު ހުށަހަޅަން ހުޅުވާލި ފުރަތަމަ ފުރުސަތުގައި ޖުމްލަ ހަތަރު ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ބިޑް އިވެލުއޭޓު ކުރުމަށްފަހު ދެ ޕާޓީ އެއް ޝޯޓްލިސްޓު ކޮށްފައިވާއިރު، ގިނަ ބަޔަކު ބުރަވަނީ އެއާ އިންޑިއާގެ ބިޑު ޓާޓާ ގްރޫޕުން ކާމިޔާބު ކުރާނެ ކަމަށެވެ.

އިންޑިއާގައި މިހާރުވެސް އޮޕަރޭޓު ކުރާ ދެ އެއާލައިނެއްގައި ޓާޓާގެ ހިއްސާ އޮވެއެވެ. އެގޮތުން އެއާ އޭޝިއާ އިންޑިއާ އާއި އެއާ ވިސްޓާރާ އަކީ ޓާޓާ ގްރޫޕުގެ ހިއްސާ އޮވެގެން އޮޕަރޭޓު ކުރާ ދެ އެއާލައިނެވެ.

ސްޕައިސް ޖެޓްގެ އެމްޑީ އަޖޭ ސިންގް، އެއާ އިންޑިއާ އަށް ބިޑު ކޮށްފައިވަނީ މިޑްލް އީސްޓާން ސޮވެރިން ވެލްތު ފަންޑާ ގުޅިގެންނެވެ. ސްޕައިސް ޖެޓުގެ މިހާރުގެ މާލީ ހަލަތު ގޯސްވެ، އެ އެއާލައިނުގެ ދަރަނިތައްވެސް ނުދެއްކި އެބައޮތެވެ.

އެއާ އިންޑިއާ ގަނެ، އެ އެއާލައިނު ހިންގަން ދެން ހަވާލުވާ ބަޔެއްގެ ބޮލުގައި އެޅެނެ އެންމެ ބޮޑު އެއްޗަކީ މިހާރު އެ އެއާލައިނަށް ނުދެއްކި އޮތް 12.4 ބިލިއަން ޑޮލަރުގެ ދަރަންޏެވެ. މީގެ އިތުރުން މިދިޔަ އަހަރު ވެސް އެ އެއާލައިނަށް 1.37 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވިއެވެ.

ބިޑް ކާމިޔާބު ކުރާ ފަރާތުން އެއާ އިންޑިއާގެ އެންޓަޕްރައިޒް ވެލިއުގެ 15 ޕަސެންޓް ނަގުދު ފައިސާ އިން ދައްކަން ޖެހެއެވެ. އަދި ބާކީ އޮތް ދަރަންޏާއެކު ކުންފުނި ހިންގަން ފަށަން ޖެހޭއިރު ޓާޓާ އަށް އަދި އެމްޑީ އަޖޭ ސިންގް އަށް މިއީ ބޮޑު މައްސަލައަކަށް ނުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެއާ އިންޑިއާ ކޮޅަށް ޖަހައި ފައިދާވާ އެއާލައިނެއްގެ ގޮތުގައި ހިންގުމަކީ އެ ދެ ފަރާތަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

comment ކޮމެންޓް