ޖޮބްސެންޓަރަށް މިހާތަނަށް 676 ޝަކުވާ ހުށަހަޅައިފި

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް: އޭނާ ވިދާޅުވީ ވަޒީފާއިން ވަކިކޮށްގެން ރިޕޯޓްކުރާ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް ބުނެ ވަޒީފާގެ ހާލަތަށް ބަދަލު ގެނައުމުގެ 676 ޝަކުވާ މީހަތަނަށް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އެމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ރިސޯޓުތަކުގެ ވަޒީފާއިން ވަކިކުރާ ނުވަތަ އެއްވެސް ސިފައެއްގައި ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފިނަމަ ޖޮބް ސެންޓަރާ އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

"މިހާރު މި ޕްލެޓްފޯމްގައި ރަޖިސްޓާރ ކުރަމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން މިހާތަނަށް އައިއިރުގައި 676 މީހަކު ރެޖިސްޓަރ ކޮށްފައިވޭ،" ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަން ވެސް ކުރައްވަމުން ގެންދަވާ މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފި ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓު ކުރަން މި މަހުގެ 21 ވަނަ ދުވަހު އެ މިނިސްޓްރީ އިން ވަނީ އެދިފަ އެވެ. ނޯ ޕޭ ލީވްއަށް ފޮނުވުމާއި މުސާރަ ކުޑަކުރުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ ކަންތައްތައް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރިޕޯޓު ކުރެވެ އެވެ.

ކޮވިޑް-19އާ ގުޅިގެން 58 ރިސޯޓަކުން 11،000އެއްހާ މުވައްޒަފުން ނޯޕޭއަށް ފޮނުވާލާން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް މިއަދު ވަނީ ބުނެފަ އެވެ.

ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެނައުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިވާން އެކުލަވާލި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫކުރަންނިންމާފައި ވަނީ ވެސް މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ނުގެންނަން އެއްބަސްވާ ކުންފުނިތަކަށެވެ.

comment ކޮމެންޓް