އަހަރުގެ މިހާތަނަށް ހަތް ލައްކަ ފަތުރުވެރިން، 13 އިންސައްތައިގެ ކުރިއެރުމެއް

އެއާޕޯޓުގައި ފަތުރުވެރިންތަކެއް: މިހާތަނަށް ހަތް ލައްކަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް، 13.1 ޕަސަންޓުގެ ކުރިއެރުމަކާ އެކު، މިހާތަނަށް ހަތް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 728,950 ފަތުރުވެރިންނެވެ. މިދިޔަ އަހަރު މިހާތަނަށް 644,721 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 2022ވަނަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 539,332 ފަތުރުވެރިންނެވެ.

ދުވާލެއްގެ މައްޗަށް މިހާރު 6,451 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި، މި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ، އެވަރެޖްކޮށް 7.9 ދުވަހެވެ. މި މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ، 6,906 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، އެއްވަނައިގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 77,709 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި އުޅޭ އިނގިރޭސިވިލާތް 72,635 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އުޅޭ ރަޝިޔާއިން ޒިޔާރަތްކޮށްފައިވަނީ، 72,336 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 40,358 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނެސް ރިިކޯޑެއް ހެދުމެވެ. އެ އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް