ކޮވިޑް-19 އާ ގުޅިގެން ތަބްލީޣޭ ޖަމާއަތާ ދެކޮޅަށް އިންޑިއާއިން ފިޔަވަޅު އަޅަނީ

އިންޑިއާގެ މިސްކިތެއްގެ ކައިރީގައި އެގައުމުގެ ތަބްލީޣު ޖަމާއަތުގެ ބައެއް މެންބަރުން

ދިއްލީ (31 މާޗް 2020): އިންޑިއާގެ ދީނީ ޖަމާއަތެއްކަމަށްވާ ތަބްލީޣޭ ޖަމާއަތް (ޖަމާއަތުއް ތަބްލީޣު ވައްދަޢުވާ) އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އިންޑިއާ ސަރުކާރުން ދީފިއެވެ.

އިންޑިއާ ގެ ފުލުހުން ބުނީ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އިންޑިއާއިން އަޅާފައިވާ ލޮކްޑައުން އާއި އިޖްތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކާ ދެކޮޅަށް ސިއްރިޔާތުގައި ތަބްލީޣު ޖަމާއަތުން މަސައްކަތް ކުރާކަމަށާ އެކަން ހުއްޓާލުމަށް އެންގި އެންގުމަށް އެޖަމާއަތުން ތަބާނުޥާ ކަމުގައެވެ.

އެހެންކަމުން އެމައްސަލަ ތަހްގީގް ކުރުމަށްފަހު އެ ޖަމާއަތުގެ މަސްއޫލުވެރިންގެ މައްޗަށް ދައުޥާ ކުރުމަށް ދައުލަތުގެ ޕްރޮސެކިއުޓާ އަށް ފޮނުވާނެ ކަމަށް ދިއްލީގެ ފުލުހުން ބުނެއެވެ. ތަބްލީޣު ޖަމާއަތުގެ މައްޗަށް ކުރެވެނީ ޢާންމުންގެ ސިއްޙަތު ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ތުހުމަތާއި ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ސަކާރުން އިއްލާންކޮށްފައިވާ ފިޔަޅުތަކާ ޚިލާފު ވުމުގެ ތުހުމަތެވެ.

ދިއްލީގެ ފުލުހުންވަނީ އެސިޓީގައި ހަރަކާތްތެރިވާ ތަބްލީޣު ޖަމާއަތުން ދިއްލީގެ އެކި ސަރަހައްދުތަކުން އިމާރާތެއްގެ ހޯލަކަށް ގިނަ އަދަކަށް މީހުން ޖަމާކޮށްގެން އެމީހުންނަށް އެކި ފަހަރުމަތިން ދީނީ ދަރުސްތައް ދެމުންގެންދާކަމަށާ އެކަމުގެ ސަބަބުން އެތަނުގައި ގިނަބަޔަކު ތޮއްޖެހި ކޮރޯނާ ވައިރަސް ފެތުރިގެން ދިޔުމަށް މަގުފަހިވާ ކަމަށް ބުނެފައެވެ. ތަބްލީޣޭ ޖަމާއަތް ނުވަތަ ޖަމާއަތުއް ތަބްލީޣު ވައްދަޢުވާ އަކީ މީގެ 100 ވަރަކަށް އަހަރު ކުރިން އުފައްދާފައިވާ އިސްލާމީ ޖަމާއަތެކެވެ. އެޖަމާއަތުގެ މައިގަނޑު މަގްސަދެއްކަމަށް އިއުލާނުކޮށްފައިވަނީ ޣައިރު މުސްލިމުންގެ ތެރޭގައި އިސްލާމް ދީން ފެތުރުމެވެ. ނުވަތަ އިސްލާމް ދީނަށް ގޮވާލުމުގެ (ދައުވާގެ) މަސައްކަތެވެ.

ދިއްލީ ސިޓީގެ މުނިސިޕަލްޓީންވެސްވަނީ ތަބްލީޣު ޖަމާއަތުން ދީނީ ދުރުސް ދިނުމަށް ހިންގާ ހަރަކާތުގެ ސަބަބުން ސިއްޙީ ގޮތުން ކަރަންޓީނު ކުރުމަށާ އަދި އިޖްތިމާޢީ ގައިދުރުކަމަށް އިންޑިއާއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހުރަސްއެޅޭކަމަށް ބުނެފައެވެ. އަދި ތަބްލީޣް ޖަމާއަތުގެ ދަރުސް އަށް ދާ އާންމުންވެސް ދިއްލީގެ ހަނިގޯޅިތައް ހުރަސްކޮށް ދާއިރު ބައިބޯކޮށް ދާކަންވެސް ދިއްލީ ސިޓީގެ މުނިސިޕަލްޓީންވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ތަބްލީޣު ޖަމާއަތުން ކުރިން ބާއްވާފައިވާ ދަރުސަކަށް އެއްވެފައިޥާ މީހުން

ދިއްލީގައި ހަރަކާތްތެރިވާ ތަބްލީޣު ޖަމާއަތުގެ ޝައިޚުންގެ ތެރޭގައި އިންޑިއާގެ ޝައިޚުންގެ އިތުރުން އިންޑޮނީޝިއާ، ތައިލެންޑް، ނޭޕާލް، މިޔަންމާ، ކިރްގިސްތާން، އަދި ސައޫދީއަރަބިއާގެ ޝައިޚުންވެސް ހިމެނޭކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

މިޚަބަރާ ގުޅިގެން މެލޭޝިއާގެ ސިއްހަތާބެގޭ ވުޒާރާގެ ޑައިރެކްޓާ ޖެނެރަލް ނޫރު ހިޝާމު އަބްދުﷲ އެކަން ބަލައި ތަހްގީގް ކުރަމުން ގެންދާކަމަށާ އެ ހަރަކާތުގައި މެލޭޝިއާގެ ޝައިޚުން ބައިވެރިވާކަން ސާބިތުވެއްޖެނަމަ އެޝައިޚުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން އިންޑިއާގެ ތަބްލީޣު ޖަމާއަތުންވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެޖަމާއަތުން ދަރުސް ބާއްވަނީ ކޮރޯނާ ވައިރަސް ފެތުރުމަށް މަގުފަހި ނުވާނެގޮތެއްގެ މަތިން ކަމަށް ބުނެފައެވެ. މިގޮތުން އިންޑިއާ ސަރުކާރުން އަޅާފައިވާ ކަރަންޓީނާއި ލޮކްޑައުން އަދި އިޖްތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކަށް އެ ޖަމާއަތުން ރިޢާޔަތް ކުރަމުންދާކަމަށް އެޖަމާއަތުން ނެރުނު ބަޔާން ބުނެއެވެ.

އުރުދޫ ބަހުންނާއި ހިންދީ ބަހުން ތަބްލީޣޭ ޖަމާއަތް (ޖަމާއަތުއް ތަބްލީޣު ވައްދަޢުވާ) އަކީ އިސްލާމީ ދައުވާ ފެތުރުމަށްޓަކައި މީގެ 100 އަހަރު ކުރިން އުފައްދާފައިވާ ޖަމާއަތެކެވެ. އެޖަމާއަތުގެ ފިކުރަކީ ދުނިޔެއަށް ޒާހިދު ވުމުގެ (އެސާޓިސިޒަމް) ގެ ފިކުރެވެ.

ސޫފީން ގެންގުޅޭ ފަދަ ދުނިޔެއަށް ޒާހިދު ވުމުގެ ފިކުރު ގެންގުޅޭ ތަބްލީޣު ޖަމާއަތުގެ އެއްވަނަ މަގްސަދަކީ ޣައިރު މުސްލިމުންގެ ތެރޭގައި އިސްލާމް ދީން ފެތުރުމެވެ. ނުވަތަ ޣައިރު މުސްލިމުންނަށް އިސްލާމް ދީނަށް ގޮވާލުމެވެ. ދެވަނަ މަގްސަދަކީ ޣައިރު މުސްލިމުން އިސްލާމް ދީނަށް ވެއްދުމަށް އެކި ގޮތްގޮތުން ބާރުއެޅުމެވެ. ތިންވަނަ މަގްސަދަކީ މުސްލިމުންގެ ތެރޭގައި ހިމެނޭ އީމާންކަން ބަލިކަށި ކަމަށް އެޖަމާއަތުން ދެކޭ މީހުން ލައްވައި ނަމާދު ކުރުވުމެވެ. ނަމާދަށް ފަރުވާކުޑަކުރާ މީހުންނަކީ ދީނީ ޢަގީދާ ބަލިކަށި މީހުން ކަމަށް އެޖަމާއަތުން ދެކެއެވެ.

ތަބްލީޣު ފިކުރުގެ ޖަމާއަތްތައް އިންޑިއާގެ އިތުރުން ޕާކިސްތާނާއި އިންޑޮނީޝިއާ އާއި އެނޫންވެސް އިސްލާމީ އެތަށް ގައުމެއްގައި ފެތުރިފައިވެއެވެ. ޕާކިސްތާނުގެ ތަބްލީޣު ޖަމާއަތުންވެސްވަނީ ލާހޯރުގައި އެޖަމާއަތުން ބާއްވަމުން ގެންދިޔަ ދުރަސްތަކެއް ޕާކިސްތާނުގެ ފުލުހުން ހުއްޓުވި ކަމަށް ބުނެފައެވެ. ދިއްލީގައި ހަރަކާތްތެރިވާ ތަބްލީޣު ޖަމާއަތުގެ ދަރުސްތަކަށް ދާމީހުންގެ ތެރެއިން އެތަށް ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭގެތެރެއިން 5 މީހުން އެ ރޯގާގައި މަރުވެފައިވެއެވެ.

މެލޭޝިއާގައި ކޮވިޑް-19 ފެތުރިގެންދިޔަ ސަބަބުތަކުގެ ތެރޭގައި އެގައުމުގެ ތަބްލީޣު ޖަމާއަތުން ކުއާލަލަންޕޫރުގެ މިސްކިތަކަށް އެތަށް ސަތޭކަ ބަޔަކު އެއްކޮށްގެން މީހުން ތޮއްޖެހޭ ގޮތަށް ދަރުސްތައް ބޭއްވުމަށް ހިންގި ހަރަކާތްތައް ހިމެނޭކަމަށް އެގައުމުގެ ސަރުކާރުން އެދުވަސްވަރު ބުނެފައިވެއެވެ.

އެކަން ހާމަވުމާ ގުޅިގެން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން މެލޭޝިއިންވަނީ އެގައުމުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި މިސްކިތްތަކަށް މީހުން އެއްވާގޮތަށް ދަރުސް ދިނުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ނަމަވެސް ތަބްލީޣު ޖަމާއަތާ ދެކޮޅަށް މެލޭޝިއާއިން ފިޔަވަޅު އެޅިކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ. (ރޮއިޓާސް + އިންޑިއާގެ ނޫސްތައް)

ގުޅޭ ޓެގު
comment ކޮމެންޓް