ކޮރޯނާގެ ހާލަތު ނާޒުކު ދަރަޖައަކަށް އަންނަނީ ބަދަލުވަމުން: ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޓެޑްރޯސް --- ފޮޓޯ/ ރޮއިޓާސް

ކޮވިޑް19 ނޫނީ ކޮރޯނާވައިރަސް މުއްސަނދި ގައުމުތަކުން ނުފެންނާނެ ކަމަަށް އެގައުމުތަކަށް ހީީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެ ވައިރަހުގެ ހާލަތު ނާޒުގު ފައްތަރަކަށް ބަދަލުވަމުންދާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް އިއްޔެ ވިދާޅުވީ، އެއްވެސް ގައުމަކުން އެގައުމުން ކޮރޯނާ ވައިރަސް ނުފެންނާނެ ކަމަށް ބަލައިގެން ތިބެގެން ނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކުށްހީއެއް އަދި ގޯހެއް ކަމަށެވެ.

އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ އިޓަލީ އެވެ. އޭނާ ވިދާޅުވީ، އިޓަލީން މި ބަލި ފެނުމަކީ ހައިރާން ކަމެއް ގެނައި ކަމެއް ކަމަށެވެ. އެހެން ކަމުން ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން އެކަން ވިސްނައި، ބަޔައް ރައްކާތެރިވެގެން ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ޑަބްލިއުއެޗްއޯ އިން މިދިޔަ މަހު 30 ވަނަ ދުވަހު ވަނީ ބައިނަލްއަގުވާމީ ސިއްހީ އެމަޖެންސީ އިއުލާން ކޮށްފަ އެވެ. އަދި ގައުމުތަކުން ސްކީރިން ކުރުމާއި އަސޮލޭޝަން ފެސިލިޓީ ގާއިމު ކުރުމާއި ބައްޔާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް ދަނީ ބާރުއަޅަމުންނެވެ.

ޓެޑްރޯސް ވިދާޅުވީ، މި ރޯގާ އެންމެ ނާޒުގު ފައްތަރަށް މިހާރު ބަދަލުވަމުންދާ ކަމަށާއި މި ރޯގާ މުޅި ދުނިޔެއަށް ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް އަދި ބިރުގަންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިވައިރަސް ނުޖެހުމަށް ރައްކާތެރި ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރިގެން ދަނީ އިރާނުގަ އެވެ. ރާއްޖެ އިން ވަނީ އިރާންއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. އިރާނުން މި ބަލި ޖެހިގެން މިހާތަނަށް 26 މީހުން މަރުވެ، 245 އަށް ވުރެ ގިނަ މީހުން ވަނީ ބަޔަށް ޕޮޒިޓިވްވެފަ އެވެ. އީރާން އަކީ ޗައިނާއަށް ފަހު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އެންމެ ގިނަ ގައުމެވެ.

މިހާތަނަށް 44 ގައުމަކާއި ސަރަހައްދެއްގައި ތިބި 82،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2,808 މީހަކު މަރުވެފައިވާ އިރު، 33,021 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެވެ.

ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭހެއް މިހާތަނަށް ރާއްޖެއިން ފެނިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ކޭސްއެއް ރާއްޖެ އައުމުގެ ފުރުސަތު ނުދިނުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ އިރާންގެ އިތުރުން ޗައިނާ އާއި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުން މަނާކޮށް ފައެވެ. އޭގެ އިތުރުން ކުރޫޒްލައިނާ އައުންވެސް މިވަގުތަށް މެދުކަނޑާލާފަ އެވެ.

comment ކޮމެންޓް