ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދައި ދީފިނަމަ ހަތިޔާރު ބަހައްޓާނެ ކަމަށް ބުނެފި

ޣައްޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެޔެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ

ދައުހާ (25 އެޕްރީލް 2024): ފަލަސްތީނުގެ ބިންތަކުގެ ތެރެއިން 1967ގެ ހަނގުރާމައިގައި އިސްރާއީލު ވެރިވެގެންފައިވާ ބިންތައް ކަމަށްވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރެވުނަސް އެހިސާބުން އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ޖިހާދުކުރުން ހުއްޓާލައި ސިޔާސީ ޕާޓީއަކަށް ބަދަލުވާން އޮތީ ތައްޔާރަށް ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ އިސްވެރިއެއް ކަމަށްވާ ޚަލީލް އަލްޙައްޔާ ވިދާޅުވީ ހަމާސް އިން ހަތިޔާރު ދޫކޮށްލާނީ އެންމެ ކުޑަވެގެން 1967ގެ ހަނގުރާމައިގެ ކުރިން އިސްރާއީލު އޮތް ސަރަހައްދީ ރޮނގަށް އިސްރާއީލު ސިފައިން ފަހަތަށްޖެހި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރެވުމުން ކަމަށެވެ.

ފަލަސްތީނުގެ މައްސަލައާބެހޭ އދ.ގެ ގަރާރުތައްވެސް ގޮވާލަނީ 1967ގެ ހަނގުރާމައިގެ ކުރިން އިސްރާއީލު އޮތް ސަރަހައްދީ ރޮނގަށް އިސްރާއީލު ސިފައިން ފަހަތަށްޖެހުމަށެވެ. އެއީ ހުޅަނގު އައްސޭރީގެ ހުރިހާ ބިމަކުންނާއި (އިރުމަތީ ގުދުސް ވެސް ހިމެނޭގޮތަށް) އަދި ޣައްޒާއިން އިސްރާއީލު ސިފައިން އެއްކޮށް ފައިބައި އެދެތަނުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށެވެ.

ފަލަސްތީނުގެ ހުރިހާ ބިންތަކަކީވެސް ހަގީގަތުގައި އިސްރާއީލު ވެރިވެގެންފައިވާ ބިންތަކެވެ. ނަމަވެސް 1967ގެ ހަނގުރާމައަށްފަހު ހިފާފައިވާ ބިންތަކުގެ ގޮތުގައި އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުން ސިފަކުރަނީ މިދެ ބިމަށެވެ. އަދި އިސްރާއީލުން ޣައިރު ގާނޫނީގޮތުން ހިފާފައިވާ ކަމަށް މިހާރު ބަލަނީވެސް މިދެ ބިމަށެވެ. މިއީ މުޅި ފަލަސްތީނުގެ ބިމަށް ބަަލާއިރު ގާތްގަނޑަކަށް 35 އިންސައްތަ ބިމެވެ.

ދެދައުލަތުގެ ހައްލަކީ މިދެ ސަރަހައްދުން އިސްރާއީލު ފައިބައި މިދެ ބިމުގައި ފަލަސްތީނަށް ދައުލަތެއް އުފައްދައި ދިނުންކަމަށް އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައްވެސް ގަބޫލުކުރެއެވެ. މިއާއެކު ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ ފަލަސްތީނުން އިއުލާނުކޮށްފައިވާ މިނިވަން ދައުލަތަށް އިއުތިރާފުވެސް ވެފައެވެ.

ހަމާސްގެ އިސްވެރިއެއް ކަމަށްވާ ޚަލީލް އަލްޙައްޔާ

ނަމަވެސް އިސްރާއީލުވަނީ އެމެރިކާއާއި ޔޫރަޕްގެ އެހީގައި ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި އެތަންތަން އިސްރާއީލުގެ ބިމުގެ ގޮތުގައި ހަދާފައެވެ. އެއީ އެދެތަނުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދިނުމަށްޓަކައެވެ.

އަދި އިސްރާއީލު ގެންދަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއިންވެސް ނުފައިބާނެކަމަށް ބުނެ ގަދަބަސް ބުނަމުންނެވެ. އަދި އެ ދެ ސަރަހައްދުގައި ވެސް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެ ބޮޑާކަމާއި ހަރުކަށިކަން ދައްކަމުންނެވެ.

މިއާއެކުވެސް އެމެރިކާއާއި ޔޫރަޕުން އިސްރާއީލާ ދެކޮޅަށް އަޅާ އެއްވެސް ފިޔަވަޅެއް ނެތެވެ. ދޭ އެއްވެސް އަދަބެއް ނެތެވެ. ދެދައުލަތުގެ ހައްލު ގެނައުމަށް ބާރުއެޅުމުގެ ގޮތުންވެސް އިސްރާއީލަށް އެއްވެސް ފިއްތުމެއް ކުރިމަތި ކުރުމަށް އެމެރިކާއާއި ޔޫރަޕުން ގެންދަނީ ދެކޮޅު ހަދައި މުނާފިގުކަން ދައްކަމުންނެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ ބައިނަލްއަގްވާމީ ގާނޫނާ އދ.ގެ ގަރާރުތަކަށް ބަލާއިރު އިސްރާއީލު އިސްތިއުމާރުކޮށްގެން އުޅޭ ފަލަސްތީނުގެ ބިންތަކެއްކަމަށް އެމެރިކާއާއި ޔޫރަޕަށް އެނގެއެވެ. އެކަން ގަބޫލުވެސް ކުރެއެވެ. އަދި ހިފާފައިވާ ބިންތައް މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނު ހުއްދަދޭކަމެއްކަން އެމެރިކާއާއި ޔޫރަޕަށް އެނގެއެވެ.

މިހުރިހާ ހަގީގަތްތަކާއެކުވެސް އެމެރިކާއާއި ޔޫރަޕް ގެންދަނީ ހަމާސްއިން އެދެ ސަރަހައްދުގައި އިސްރާއީލާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދަކީ ޓެރަރިޒަމް ކަމަށް ސިފަކުރަމުންނެވެ. ހަމާސް އާއި ފަލަސްތީނުގެ މުޖާހިދުންނަކީ ޓެރަރިސްޓުންކަމަށް ހަދައި މުނާފިގުކަން ދައްކަމުންނެވެ.

ޚަލީލް އަލްޙައްޔާ ވިދާޅުވިގޮތުގައި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރެވެންދެން ހަމާސް އިން އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކޮށްގެން މިނިވަންކަމުގެ ޖިހާދު ކުރާނެއެވެ.

އެ ޖިހާދަކީ ޓެރަރިޒަމްކަމަށް އެމެރިކާއާއި ޔޫރަޕުން ސިފަކުރާ ކުރުންތަކަކީ ބާތިލް ސިފަކުރުންތަކެއްކަމަށްވާތީ އެކަމާމެދު ހަމާސްއިން ޖެހިލުން ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި ޔޫރަޕްގެ ރުހުން ހޯދުމަށްޓަކައި ފަލަސްތީނުގެ ހައްގުތަކާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދު ދޫކޮށްނުލާނެކަމަށްވެސް ޚަލީލް އަލްޙައްޔާ ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ދޭ ހަމަލާތައް ދާއިމީގޮތަކަށް ހުއްޓާލުމުގެ ކުރިން އިސްރާއީލުގެ އެއްވެސް އަސީރަކު މިނިވަން ނުކުރެވޭނެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެއްވެސް އަސީރަކު ދިރިހުއްޓައި މިނިވަން ކުރުމަކީ އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އިސްރާއީލުގެ އަތުގައި ކިތަންމަ ބާރުގަދަ ހަތިޔާރު ހުރިނަމަވެސް އިސްރާއީލަށް ހަމާސް ޖަމާއަތް ބަލިނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް