"އެން ހޯދި" ޑްރޯން: އެން ހޯދުމަށް ދެން ފީނާކަށް ނުޖެހޭނެ!

މަސްވެރިންނަށް ޚާއްސަކޮށްގެން ފޯސައިޓް ސާވޭޔާސްއިން ނެރުނު "އެން ހޯދި" ޑްރޯން-- ފޮޓޯ/ފޯސައިޓް ސާވޭޔާސް

މަސްވެރިންނަށް އެން ހޯދަން ހާއްސަ ޑްރޯންއެއް ފޯސައިޓް ސާވޭޔާސްއިން ދައްކާލައިފި އެވެ.

"އެން ހޯދި"ގެ ނަމުން ނަންދީފައިވާ އެ ޑްރޯން ތައާރަފްކުރީ ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކުރިއަށްދިޔަ ފިޝަރީޒް އެކްސްޕޯގެ ތެރެއިންނެވެ.

ފިޝަރީޒް އެކްސްޕޯގައި ފޯސައިޓް ސާވޭޔާސްގެ ސްޓޯލް-- ފޮޓޯ/ފޯސައިޓް ސާވޭޔާސް

ފޯސައިޓްގެ އޮފިޝަލުން ބުނީ ކަނޑު އަޑީގެ ސާވޭތައް ކުރުމަށް ހާއްސަ އެ ޑްރޯންއަކީ މަސްވެރިކަމުގެ މުހިންމު ބަައެއް ކަމަށްވާ އެންވެރިކަމުގައި ވެސް ބޭނުން ކުރެވޭނެ ވަސީލަތެއް ކަމަށެވެ.

އެގޮތުން މަސްވެރިކަމުގައި "އެން ހޯދި"ގެ ބޭނުން ހިފިދާނެ ގޮތްތައް ތަޖުރިބާ ކޮށްލުމަށްޓަކައި ފޯސައިޓްއިން ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް އޭގެ ޑްރޯންއެއް ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު، ހަސަން ސާޖިންއަށް ހަދިޔާކޮށްފަ އެވެ.

ސާޖިންއަކީ އޯޕަން ވޯޓާ އެޑްވާންސްޑްއާ ހަމައަށް ޑައިވިންގް ކޯސް ހަދައިގެން، އެން ހޯދަން ފީނުމުގެ މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

"އެން ހޯދި" ޑްރޯން ތަޖުރިބާ ކޮށްލުމަށްޓަކައި ޒުވާން މަސްވެރިޔާ ސާޖިންއަށް ހަވާލު ކުރުން-- ފޮޓޯ/ފޯސައިޓް ސާވޭޔާސް

ސާޖިން ބުނީ އެފަދަ ޑްރޯންއެއްގެ ސަބަބުން އެން ހޯދުމަށްޓަކައި ފީނުން ނިމުމަކަށް އައިސް، ޑީކޯވުން ފަދަ ހިތާމަވެރި ހާދިސާތައް މަދުކޮށްލެވޭނެ ކަމަށެވެ.

"މިދިޔަ މަހު ޑީކޯވި 4 މީހުންގެ ތެރެއިން ބައެއް މީހުން އެބަތިބި އަދިވެސް ޕެރަލައިޒް ވެފައި. އަދި އޭގެ ކުރިން ވެސް ވަރަށް ގިނައިން އެބަހުރި ޑައިވަރުން ޑީކޯވެފައި... މި ޑްރޯން ބޭނުން ކުރުމަށްފަހު ވަރަށް އަޕްޑޭޓްސް ގެނެސްދޭނަން. މިހާރު ލިބިފައިހުރި މައުލޫމާތުތަކުން މިއީ ވަރަށް ސަޅި އެއްޗެއް ކަން އެނގެނީ. ކޮންމެއަކަސް މީހުންގެ ފުރާނަ ކަނޑު އަޑިއަށް ދޫކޮށްލުމުގެ ބަދަލުގައި މި ޑްރޯން އަޑިއަށް ދޫކޮށްލުން މާ ރަނގަޅުވާނެ." ސާޖިން ބުންޏެވެ.

އެން ހޯދި ޑްރޯންގެ ބައެއް މުހިންމު މައުލޫމާތު

  • 100 މީޓަރު ފުނަށް ފޮނުވާލެވޭ
  • ފީލްޑް އޮފް ވިއު: 95 ޑިގްރީސް
  • 12 މެގަޕިކްސެލް ކެމެރާ
  • އަލްޓްރާ އެޗްޑީ ވީޑިއޯ ރިކޯޑިންގް
  • ޔޫޓިއުބް އަދި ފޭސްބުކްއަށް ލައިވް ސްޓްރީމް ކުރުން

އެން ހޯދި ޑްރޯންއަކީ ބްލޫޓޫތް އަދި ވައިފައި ވެސް ސަޕޯޓްކުރާ، ރިމޯޓުން ކޮންޓްރޯލް ކުރެވޭ ޑްރޯންއެކެވެ. ސްމާޓްފޯނުތަކާ ވެސް ކަނެކްޓް ކޮށްލެވޭ އެ ޑްރޯންގެ އަގަކީ ގާތްގަނޑަކަށް 32،000 ރުފިޔާ އެވެ.

އެ ޑްރޯން ދެ ގަޑިއިރުގެ ތެރޭގައި ފުލް ޗާޖުކޮށްލެވޭއިރު، ޗާޖު ހިފަހައްޓާނެ ކަމަށް ބަޔާންކޮށްފައިވަނީ ވެސް ދެ ގަޑިއިރަށެވެ. މީގެ އިތުރުން ކަނޑައަޅާ ވަކި ފުންމިނަކަށް ދެވޭ ގޮތަށް 'ޑެޕްތް ކޮންޓްރޯލް' ކުރެވޭ ފީޗާއެއް ވެސް އެ ޑްރޯންގައި އެކުލެވެ އެވެ.

ފޯސައިޓް ސާވޭޔާސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި އެ ނޫން ވެސް ދާއިރާތަކުގައި ސާވޭ ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ އަދި އިންޖިނިއަރިން އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް 2011 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެކުންފުނިން ވަނީ މިއަހަރުގެ މެރިން އެކްސްޕޯގައި އަޕް އެންޑް ކަމާގެ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

comment ކޮމެންޓް