އަލިފާނުގެ ހާދިސާއިން އަރައިގަނެ، ގިލި ލަންކަންފުށި އަލުން ހުޅުވައިފި

ގިލި ލަންކަންފުށި ރިސޯޓުގެ ޕްރައިވެޓް ވިލާއެއް-- ފޮޓޯ/ގިލި ލަންކަންފުށި މޯލްޑިވްސް

މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކާއެކު ވަގުތީގޮތުން ބަންދުކުރި ގިލި ލަންކަންފުށި ރިސޯޓު މަރާމާތުކޮށް، ބޮޑެތި ބަދަލުތަކަކާއެކު އަލުން ހުޅުވައިފިއެވެ.

ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)އިން ހިންގާ، ރާއްޖޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ އެއް ރިސޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ އެ ރިސޯޓުގެ ފަޅުތެރޭގައި ހުންނަ ވޯޓާ ވިލާތަކުގެ ތެރެއިން އެއް ވިލާގައި އަލިފާން ރޯވެ، އެ އަލިފާންގަނޑު ފެތުރިގަނެ ހިނގި ހާދިސާއާ ގުޅިގެންނެވެ. ޖުމްލަ ހަތް ވިލާއަކާއި ރިސޯޓުގެ ރެސްޓޯރަންޓެއް އަނދައި ހުލިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ގާތްގަނޑަކަށް 11 މަސް ދުވަހަށްފަހު ގިލި ލަންކަންފުށި އިއްޔެ ހުޅުވި އިރު ރިސޯޓުގެ އިންޓީރިއާގެ އިތުރުން ބައެއް ވިލާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި ގެސްޓުންނަށް ބައިވެރިވެވޭ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ.

އެ ރިސޯޓުގެ 45 ވިލާއަށް ޕްރައިވެޓް ސްވިމިންގް ޕޫލު އިތުރުކޮށް މުޅިން "އާ"ކޮށްލާފައިވާ އިރު، ސްވިމިންގް ޕޫލާއެކު ހަދާފައިވާ އާ ފެމިލީ ވިލާތަކެއްވެސް ހުޅުވާފައިވެއެވެ.

މީގެ އިތުރުން ގިލި ލަންކަންފުށިން ދޭ ސްޕާގެ ހިދުމަތްތަކައް އާ ވެލްނެސް ޕްރޮގްރާމުތަކެއް އިތުރުކޮށްފައިވެއެވެ.

http://sun.mv/121072

މަޝްހޫރު ހޮޓެލް ޗެއިން ސޮނޭވާއިން ކ. ލަންކަންފުށީގައި "ސޮނޭވާ ގިލި"ގެ ނަމުގައި 2000 ވަނަ އަހަރު ހުޅުވި ރިސޯޓު ސިންގަޕޫރުގެ އެޗްޕީއެލްއިން ގަނެ، "ގިލި ލަންކަންފުށި"ގެ ނަމުގައި ހުޅުވީ 2012 ވަނަ އަހަރުއެވެ. ތިމާވެއްޓާ ރަހުމަތްތެރި "އީކޯ ހޮޓެލް"އެއްގެ ގޮތުގައި ފާހަގަކުރެވޭ އެ ރިސޯޓަށް ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއްވެސް ލިބިފައިވެއެވެ.

comment ކޮމެންޓް