މާލޭގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުން މަޑުޖައްސާލާފައި އޮތުމަށްފަހު، އަނެއްކާވެސް އެ ހުއްދަ ދޫކުރަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހާއި 30 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލި ކަމަށެވެ.
ނުރައްކާތެރި ކެމިކަލް އެެތެރެކޮށް ގުދަންކުރުމުގެ ގަވައިދެއް އެކުލަވާލާ ޝާއިއުކޮށްފައިވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވާ އެހެންރަށްތަކުގައި ގުދަންކުރާނަމަ، ކެމިކަލް އެތެރެކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާނެކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ސެޕްޓެމްބަރު 20 ވަނަ ދުވަހުގެރޭ މާލެގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 700 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެ ހާދިސާގައި 26 ގެއަކަށް ގެއްލުންވެފައިވާއިރު އަލިފާނުގެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ހުރި ކެމިކަލް ގުދަނެއްހައި ރޯވެގެންނެވެ.
މިމަހުގެ 30 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގީ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައެވެ. އެ ހާދިސާގައި ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އެކި ވަރުގެ ގެއްލުން ލިބުނުއިރު އަލިފާން ރޯވި ލޮންޗެއްވަނީ ބޭނުން ނުކުރެވޭ ވަރަސް ހަލާކުވެފައެވެ.