ރޭ ރޯވި އިމާރާތް ތަޅާލަނީ

ރޭ ހިނގި އަލިފާނުގެ ހާދިސާ--ސަން ފޮޓޯ

ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި މ. ރަބީއުވިލާގޭ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ އެ އަލިފާނުގެ ހާދިސާ ހިނގީ ކެނެރީމަގުގައި ހުންނަ ރަބީއުވިލާގޭ ހަތަރު ވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ އެ ގެއަކީ މީހުން ދިރިނުއުޅޭތާ ގިނަ ދުވަސް ވެފައިވާ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ އިމާރާތެއް ކަމަށެވެ.

މަގުމަތީ ހިނގާބިނގާވެ، އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގޭގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 20:19 ހާއިރުއެވެ. އެ ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްއިން ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ވަރަށް ބޮޑަށް ރޯވެފައި ވަނިކޮށް އެ އަލިފާންގަނޑު ކޮންޓްރޯލް ކުރީ ރޭ 21:12 ހާއިރުއެވެ.

comment ކޮމެންޓް