ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫން ނެއްލައިދުއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގެ ތެރެއިން --- ފޮޓޯ/ ޓީމް ހަނިމާދޫ

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެފްއޭއެމް ގުޅިގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް" ގެ ކޮލިފިކޭޝަން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުރީ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާ އެކު ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ބޮޑު ލީގެއް ފެށުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމް އާއި ޔޫތް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން ކުރީ މުބާރާތާއި ހިލާފަށް މިފަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތް ބާއްވާނީ ރަށު ފެންވަރުގައި މުބާރާތެއް ކުޅުމަށްފަހު އެ މުބާރާތް ކާމިޔާބު ކުރާ ޓީމު އަސްލު މުބާރާތަށް ކޮލިފައިވާ ގޮތަށެވެ. އެހެން ކަމުން އަންނަ އަހަރު އޮންނަ ބޮޑު މުބާރާތުގައި ބައިވެރިވާނީ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމިއްޔާތެކެވެ.

މިމުބާރާތުގެ މައިގަޑު މަގުސަދަކީ ރަށު ފެންވަރުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ހުޅުވާލުމާއި، ރަށުގައި ހަރާކާތްތެރިވަމުންދާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހޯދައިދީ، އެކްލަބް ޖަމްއިއްޔާ ޖަމާއަތްތަށް އިތުރަށް ހަރުދަނާ ކުރުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

http://sun.mv/125096

އަދި މިގޮތަށް ކުޅޭ މުބާރާތެއް ބޭއްވުމުން ރަށްރަށުގެ ވާދަވެރިކަން އިތުރުވެ ފުޓުބޯޅައަށް ނުކުންނަ ހުނަރުވެރި ޒުވާނުންގެ ކުޅުން ގިނަ ބަޔަކަށް ފެނި، ގައުމީ ޓީމަށް މުޅި ރާއްޖެތެރެއިން ރަނގަޅު ފެންވަރުގެ ޓީމެއް އެކުލަވާލުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ބާއްވާ ކޮލިފިކޭޝަން މުބާރާތުގެ އިއުލާން މިހާރު ވަނީ ގެޒެޓް ކޮށް ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވައިފަ އެވެ. އެ މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެރަށެއްގެ ކްލަބް ، ޖަމްއިއްޔާ ، ޖަމާޢަތް ތަކަށެވެ. އަދި އެ މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. މުބާރާތުގެ މޮޅުވާ ޓީމެއް އަންނަ އަހަރުގައި އޮންނަ ބޮޑު މުބާރާތަށް ކޮލިފައިވާ އިރު އެ މުބާރާތަށް ދާ ޓީމުތަކަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ވާނެ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށު ކައުންސިލްތަކުން ބައިވެރިވުމަށް އެދި 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 3:00ގެ ކުރިން އެފްއޭއެމުން ހާއްސަކޮށްފައިވާ މެއިލްއަށް ފޮނުވަން ޖެހޭނެ އެވެ.

comment ކޮމެންޓް