ކުރީ ސަރުކާރުން ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރިބްރޭންޑުކޮށް ބޮޑެތި ބަދަލުތަކާ އެކު "ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް" ގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ބޮޑު ލީގެއް ފެށުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުވުމުގައި ފުޓުބޯޅައިގެ އުންމީދީ ވާހަކަތަކެއް ދެއްކެވި އިރު އެންމެ ބޮޑަށް އަލި އަޅުވާލި ވާހަކަ އަކީ ކުރިން ކުޅުނު މިނިވަން ޗެމްޕިއަންޝިޕުގެ ބަދަލުގައި އައު އަތޮޅު ލީގެއް ފެށުމުގެ ވާހަކަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި 2015 ވަނަ އަހަރު ފެށި މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ވަނީ މިދިޔަ ތިން އަހަރު ކުޅެފަ އެވެ. ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ އެ މުބާރާތް މިއަހަރު ނުކުޅެން އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އެއީ ރަށްރަށުގައި އެފަދަ ބޮޑު ލީގެއް ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާ އެކަމަށް ނެތުމުން ކަމަށް އެފްއޭއެމުން ކުރިން ބުނި އިރު، މިހާރު ފަށަން ހަމަޖެހިފައި އޮތް ލީގު ކުރިއަށް ގެންދާނީ ޔޫތް މިނިސްޓްރީގެ ވެސް ބެލުމުގެ ދަށުން ކަމަށް މިއަދު ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރީ މުބާރާތެކޭ އެއް ގޮތަށް ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅު ބުރާއި ޒޯން ބުރު އަދި ފައިނަލް ބުރެވެ.
އަތޮޅު މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ އަތޮޅަކުން ވެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ރަށެއް ހޯމް އެންޑް އަވޭ އުސޫލުން މެޗު ކުޅޭ ގޮތަށެވެ. އަދި އެ މުބާރާތް ކުޅެ ނިންމާލާ އިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް ދަތުރު ކުރާނީ ޒޯން ބުރަށެވެ.
ޒޯން ބުރުގެ މުބާރާތުގައި ވެސް އަތޮޅު ޗެމްޕިއަން އެހެން އަތޮޅުތަކުގެ ޓީމުތަކާ ކުޅެގެން މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރާނީ އަށް ޓީމެވެ. މިހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
އެފްއޭއެމުން ބުނީ ފައިނަލް ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދިނުމަށް ވެސް ވިސްނާފައިވާ ކަމަށާއި ނަމަވެސް އަދި އެކަން އެގޮތަށް އެއްކޮށް ނުނިންމާ ކަމަށެވެ. އަދި އެ ދެ ޓީމަށް ޕްރެސިޑެންޓް ކަޕުން ފުރުސަތު ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ރަށްރަށުގެ ޓީމުތައް ހަތަރު ފަސް މަސް ވަންދެން މާލެ އައިސް ލީގު ކުޅުމަކީ ވަރަށް ދަތި ކަމެއް. އެހެން ކަމުން ޕްރެޒިޑެންޓް ކަޕުން ޓީމުތަކަށް ޖާގަ ދޭން ވެސް އެބަ މަޝްވާރާ ކުރަން،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.
އަންނަ އަހަރު ފަށާ މި ބޮޑު ލީގަށް ރަށުން ޓީމެއް ނަގާއިރު، އޭގެ ކުރިން ރަށު ފެންވަރުގެ މުބާރާތެއް ވެސް ބާއްވަން ޖެހޭނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ކޮންމެ ރަށެއްގެ ކައުންސިލަކާ ގުޅިގެން ރަށް ރަށުގައި ފުޓުބޯޅަ މުބާރާތެއް ބާއްވާ ބޮޑު މުބާރާތައް ރަށުން ބައިވެރިވާނެ ޓީމެއް ކަނޑަ އަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔޫތް މިނިސްޓްރީން ބުނީ، ރަށްރަށުގައި ބާއްވާ މުބާރަތްތަކަށް ޓީމުތައް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 އާއު ހަމައަށް ލިބޭނެ ކަމަށެވެ.
އަތޮޅު ތެރޭގައި މިފަދަ ބޮޑު ލީގެއް ފެށުމާ އެކު މާލޭ ގަލޮޅު ދަނޑުގައި ނެތް ފޯރި އަލުން އަނބުރާ ސަޕޯޓަރުންގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
މަހްލޫފް ވިދާޅުވީ، ރަށްރަށަށް މެޗު ބަލާލުމަށް ދަތުރު ކުރާ އިރު ފެންނަ ޖޯޝާއި ފޯރި މި މުބާރާތުގެ ސަބަބުން ވެސް ފެންނާނެ ކަމަށެވެ. އަދި މި މުބާރާތުގައި ޓީމުތަކުގެ ދަތުރުފަތުރު ކުރުމާއި ކަންކަމަށް އެ މިނިސްޓްރީން ހަރަދު ކުރާނެ ކަމަށާއި ރަށްރަށުގެ ނެތް ފެސިލިޓީސް ގާއިމު ކުރާނެ ކަމަށެވެ.
މީގެ އިތުރުން މި ލީގުގެ ސަބަބުން ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަނުގ ކުލަބުތަކަށް ކުޅުންތެރިން ހޯދުމުގައި ފަސޭހަ ވެގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.