އަންހެނުންގެ ގާބިލިއްޔަތަށް ޝައްކު ކުރާތީ ދުންޔާގެ ނުރުހުން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން--- ސަން ފޮޓޯ

އަންހެނުންގެ ގާބިލިއްޔަތާ ދޭތެރޭ ޝައްކު އުފެއްދުމުގެ ސަގާފަތެއް ރާއްޖޭގައި އަދި ވެސް އޮންނަ ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަރުވާކުޑަވާ ނަމަ ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް މި ހަފްތާގައި އާންމުވި އިރު، މިނިސްޓަރު މުވައްޒަފުންނާ މުއާމަލާތްކުރެއްވި ގޮތަށް ގިނަ ބަޔަކު ފާޑު ކިއެވެ. އަދި ހަމަ ގިނަ ބަޔަކު ވަނީ ނަހުލާ ދެއްކެވީ ރަނގަޅު ވާހަކަތަކެއް ކަމަށް ބުނެ އޭނާ އަށް ތައުރީފު ވެސް ކޮށްފަ އެވެ.

އެ ހާދިސާއަށް އިޝާރާތްކުރައްވަމުން ކުރީގެ މިނިސްޓަރު ދުންޔާ މައުމޫން "ސަން"އަށް ވިދާޅުވީ ހައްގު ބަސް ބުނާ އަންހެނުން ބަލައިގަތުމަށް މުޖުތަމައު އަދި ވެސް ފަސްޖެހޭ ކަމަށެވެ.

އަދި މިފަދައިން ހައްގު ބަސް ބުނެ ސާބިތުވެ ތިއްބަވާ ފިރިހެން މިނިސްޓަރުންނަށް ވުރެ، އަންހެން މިނިސްޓަރުންނަށް ރައްދުވާ ފާޑުކިޔުންތައް އަދި ވެސް ގިނަ ކަމަށް ދުންޔާ ފާހަގަކުރެއްވި އެވެ.

ދުންޔާ ވިދާޅުވީ ކަންކަމުގައި އިސްނަގައިގެން އުޅޭ އަންހެނުންނަށް އޮންނަނީ ވަކި ލޭބަލްތައް ދެވިފައި ކަމަށާއި އެފަދަ އަންހެނުންނަށް ނިސްބަތްކޮށް އާންމުން މާ 'ބޮސީ ވެގެން' އުޅެނީއޭ ބުނެ، ނުރުހުމުގެ ބަސްތައް މާޒުވާ ކުރާ ކަމަށެވެ. އެހެންނަމަވެސް ފިރިހެން މިނިސްޓަރުންނާ މެދު އެފަދަ ގޮތްގޮތަށް ނުދެކޭ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި އަންހެނުން ޝާމިލުވާ މިންވަރު އަދި ވެސް އިތުރުކޮށް ސަރުކާރުން ވެސް އަންހެނުންނަށް ޕޮލިސީ ލެވެލްގެ މަގާމުތަކަށް އައްޔަނުކުރުން އިތުރުކުރަން ޖެހޭކަން ވެސް ދުންޔާ ފާހަގަކުރެއްވި އެވެ.

ދުންޔާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމް ހިންގެވި ދުވަސްވަރު އަންހެނުން ބާރުވެރި ކުރުވުމަށް ވަރަށް އިސްކަން ދެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ވަކި ކޯޓާއެއް ހަމަޖައްސުމަށް މަސައްކަތް ކުރެއްވުމުގެ އިތުރަށް ވަޒީފާގައި އުޅޭ އަންހެނުން އިތުރުކުރުމަށް ޗައިލްޑް ސަޕޯޓު ދިނުމަށް މައުމޫން ބާރުއެޅުއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ގެންދަވަނީ ރާއްޖޭގެ ސިޔާސީ މައިދާނާއި އެނޫން ވެސް އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރުމަށް ވަކާލާތުކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އަންހެން ބޭފުޅަކު ހުންނަތަން ދެކިވަޑައިގަތުމަށް އުންމީދުކުރައްވާ ކަމަށް ދުންޔާ ވިދާޅުވެ އެވެ. އަދި އެކަން ވެގެންދާނީ މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނުން އައްޔަނުކުރުމުގެ ތެރޭގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކުގައި ވެސް ދުންޔާ ވަނީ އަންހެނުންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ބަހުސެއް ނުވަތަ ދެބަސްވުމަކަށް ދާން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ދުންޔާ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްފައި މާސްޓާސް ޑީގްރީ ހެއްދެވީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިންނެވެ. ދުންޔާގެ ރިސާޗް އަލިއަޅުވާލައްވައިފައި ވަނީ "ޖެންޑާ އެކްޓިވިޒަމް އެންޑް އިސްލާމިކް ރިވައިވަލް" އަށެވެ.

ދުންޔާ މިހާރު ދަނީ ފްލެޗާ ސްކޫލް އޮފް ޑިޕްލޮމަސީއިން ލޯގައި ތައުލީމް ހާސިލްކުރައްވަމުންނެވެ.

comment ކޮމެންޓް