އެނބުދޫ ފިނޮޅުގައި ރިސޯޓު ތަރައްގީކުރާ ކްރޮސްރޯޑް މޯލްޑިވްސް މަޝްރޫއަށް ދިވެހި ބަހާ ބެހޭ ގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ބަހުގެ އެކެޑެމީން ނިންމައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއުގެ ތެރެއިން އެނބޫދޫފަޅުގައި ހަދާ "ދަ މެރީނާ" ކިޔާ ލައިފްސްޓައިލް ޑެސްޓިނޭޝަން އައިލެންޑުގައި ރާއްޖޭގެ ސަގާފަތާއި ތާރީޚު ދައްކައިދޭ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރަން ވަނީ ނިންމާފައެވެ.
ކްރޮސްރޯޑްސްއާ ދިވެހިބަހުގެ އެކެޑެމީއާ ދެމެދު މިއަދު ހަވީރު ވަނީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކްރޮސްރޯޑުން ބުނީ ރާއްޖޭގެ ސަގާފަތާއި އަތްތެރި މަސައްކަތާއި ތާރީހީ ބަހާ ގުޅޭ ގޮތުން އެ ރިސޯޓުން ތަރައްގީކުރާ ޕްރޮމޯޝަނަލް މެޓީރިއަލްތަކުގައި ދިވެހިބަހުން ކޮންޓެންޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް ބަހުގެ އެކެޑަމީން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ތާރީހާއި ސަގާފަތާ ބެހޭ ގޮތުން ފަތުރުވެރިންނަށް މައުލޫމާތުދީ ކްރޮސްރޯޑްގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށްވެސް އެހީތެރިވެދިނުމަށް ބަހުގެ އެކެޑަމީން ވަނީ ނިންމައިފައެވެ.
އަދި ބަހުގެ އެކެޑަމީން ހިންގާ ތަފާތު ވޯކްޝޮޕްތައްވެސް އެ ރިސޯޓްގެ ކަލްޗަރަލް ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް އެ އެކެޑަމީއަށް ފޯރުކޮށްދެނޭ ކަމަށް އެ ރިސޯޓުން ބުންޏެވެ.